ފިނިކުރާ ނިޒާމުތަކުގެ ތެރެއިން ދިވެހިން ބޭނުންކުރާ ގޭހަކީ ތިމާވެއްޓަށް ރައްކާތެރި ގޭސްކަން ޔަގީންކުރުން މުހިންމުކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް ޑރ. ހުސައިން ރަޝީދު ހަަސަން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އޯޒޯން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އޯޒޯން ލޭޔަރ އަށް އެންމެ ބޮޑަށް ގެއްލުން ވަނީ ފިނިކުރާ ނިޒާމްތަކުގެ ސަބަބުން ކަމަށާއި، ފިނިކުރާ ނިޒާމުތަކުގެ ތެރެއިން ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެއަރ ކޮންޑިޝަނަރ އަދި އައިސަލަމާރީގައި ބޭނުންކުރާ ގޭހަކީ ތިމާވެއްޓަށް ރައްކާތެރި ގޭސްކަން ޔަގީންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި އަހަރަކީ އޯޒޯން ފަށަލަ ޙިމާޔަތް ކުރުމަށް ހަދާފައިވާ މުޢާހަދާ، 'ވިއެނާ ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ދަ އޯޒޯން ލޭޔަރ' އަށް 53 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މި މުޢާހަދާ އަކީ އ.ދ ގެ މުޢާހަދާ ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް މުޢާހަދާ ކަމަށެވެ. އެގޮތުން މި މުޢާހަދާގެ ދަށުން ޤައުމުތަކުން އެއްބަސްވެފައިވާ މޮންޓްރިއޯލް ޕްރޮޓޮކޯލާއި އެއްގޮތްވާގޮތުގެ މަތިން، ޖައްވަށް ދޫކުރާ ވިހަގޭސް ތަކުގެ ބަދަލުގައި ބޭނުންކުރަންފެށި ރައްކާތެރި ގޭސްތަކުގެ ސަބަބުން، އޯޒޯންފަށަލައިގައި ހެދިފައިވާ ބާގަނޑު ބެދުންވަނީ ދާދި ގާތުގައި ކަމަށް ސައެންސްވެރިންނާއި ހަވާލާދީ މިނިސްޓަރ ޑރ. ހުސައިން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް އަދި ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

''އޯޒޯން ފަށަލަ ޙިމާޔަތްކޮށް އިޢާދަކުރުމަށް ބައިނަލްޢަޤްވާމީ ގޮތުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާއިރު، ދިވެހިރާއްޖެއަކީ މި މަސައްކަތުގައި ނަމޫނާ ދައްކަމުންއަންނަ ޤައުމެކެވެ. އޯޒޯން ފަށަލަ ޙިމާޔަތްކުރުމުގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބީއަކީ ސަރުކާރާއި ރައްޔިތުން، ތަންފީޒީ އިދާރާތަކާއި މިނިވަން މުއައްސަސާތައް، ޖަމިއްޔާ ޖަމާޢަތްތަކާއި ކުންފުނިތައް އަދި ފިނިކުރުމުގެ ދާއިރާއާއި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް އެކުގައި އެއް ޢަޒުމެއްގައި ކުރި މަސައްކަތުގެ ހެޔޮ ނަތީޖާއެވެ.'' މިނިސްޓަރުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ފިޔަވަޅު އެޅުމަށް، ކުރިއަށްވުރެ ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރާންޖެހޭ ކަމަށާއި އަންނާންއޮތް ޖީލުތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކަމާއި އެކު ފޯރުކޮށްދެވޭނީ އޭރުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    މަގޯތި އައިސްއަލަމާރި އުޅެނީ ތިމާވެއްޓާ ރައްޓެހިވެގެން! ކަލެޔަށް މިނިސްޓަރުކަން ލިބުނީމާ އެތަން ފަނިކުރަން ކުޓުވާނެކަމެއްނެތް!

  2. ތާކިހާ

    ކޮންމެ ގެއަކަށް ލެބޯޓަރީއެއް ދެއްވީ ކޮންއިރަކުތޯ# ނޮހޮރުއްޕާނެއްނު # އަނގަފޮނިސަރުކާރު # ޕަޕެޓްޖާޑި

  3. ގުއިދައިތަ

    އަނހަ!! ބޭފުޅާ އެބަ އުޅުއްވަމުތޯ؟ މިވެސް ގައިމު މިނިސްޓަރެއް ވިއްޔަ!