މާލޭ ސިޓީގެ ސްކޫލްތައް ކުރިއަށް އޮތް ދެ ހަފްތާއަށް ނުހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން މާލެ ސިޓީގެ ސްކޫލްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮކްޓޯބަރު އެކަކާ ހަމައަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ދަރިވަރުންނަށް ކިޔަވައި ދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މި ނިންމުން ދެ ހަފްތާ ފަހުން މުރާޖައާ ކުރެވޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 އިން ފެށިގެން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައި ކިޔަވައިދޭން ފެށީ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް އިތުރު ދެ ހަފުތާ އަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން މިނިސްޓްރީން ނިންމިއެވެ.
އޭގެ ފަހުން، މިއަދާ ހަމައަށް ވެސް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ދަނީ ކިޔަވައި ދެމުންނެވެ.
އޭރު މާލެ ސަރަހައްދުގައި ކިޔަވައިދޭން ފެށީ ވެސް ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް، މިދިޔަ މާޗު މަހުން ފެށިގެން ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. އެކަމަކު، ރަށްރަށުގެ ސްކޫލުތަކުގައި ކުރިއެކޭ އެއްގޮތަށް ގްރޭޑު 1-12 އާ ހަމައަށް ކިޔަވައިދެއެވެ.
މާލެ ސަރަހައްދުގެ ފުރަބަންދަށް ދިން ލުއިތަކާއެކު، ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން އިތުރަށް ގޯސްވިއެވެ. ދިވެހިންގެ މެދުގައި އެ ބަލި ފެތުރުން އާންމުވިއެވެ. އަދި ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން ދިޔައީ ބައްޔަށް ފައްސިވަމުންނެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9،000 އަށް ވުރެ މައްޗަށް އަރައިފައެވެ.
މި ބަލީގައި ނިޔާވެފައި ވަނީ 33 މީހުންނެވެ. މި ބަލީގައި ގިނަ އިން ނިޔާވެފައި ވަނީ ވެސް ދިވެހިންނެވެ.
ދެންސްކޫލް ހުޅުވޭނެ ހެނެއް ހިޔެއް ނުވޭ. ސްކޫލް ބަންދު ކުރުމަކުން ފައިދާ އެއްވޭބާ!!. ދުނިޔޭން ކޮވިޑް އަވަހަކަށް ނުފިލުވޭނެ. ދަރިވަރުން ސްކޫލަށް ނުދިއުމުން ވާގެއްލުން މާބޮޑުވާނެ. ދެންވީ ކޮވިޑް އާއި އެއްކޮށް އުޅެން ދަސްކުރަން. ދިރިއުޅުން އިހު އުޅުނު ގޮތަށް އުޅެން.