އިންޑިއާގެ ވެރިކަން ކުރާ މައި ޕާޓީ، ބީޕޭޖީގެ ހާރިޖީ ސިޔާސަތަކީ ރާއްޖެ އަޅުވެތި ކުރުން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ސިޔާސަތު ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީއަށް އާ މެންބަރުން ސޮއި ކުރުމުގެ ގޮތުން އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ އިންޑިއާއާ އެކު ރައީސް ސޯލިހް ގާއިމް ކުރެއްވި ހަތް އެއްބަސްވުން އެކުލަވާލެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން އޭރު ނުހޯދައި އެއްބަސްވުންތައް ގާއިމް ކުރެއްވުމުން ކަމަށް ވިދާޅުވިއެވެ.

ޝިޔާމް އިޝާރާތް ކުރެއްވި އެއްބަސްވުންތަކަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވި ދުވަހު ރާއްޖެއާއެކު ގާއިމް ކުރުމަށް އެކުލަވާލެއްވި ތަރައްގީއާއި އިންސާނީ ވަސީލަތްތަކާއި ދަތުރުފަތުރު ފަދަ ދާއިރާތަކާ ގުޅޭ އެއްބަސްވުުންތަކެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުމަކީ އިންޑިއާ ރައްޔިތުންނާ އޮތް މައްސަލައެއް ނޫން ކަމަށާއި އެއީ އިންޑިއާގައި މިހާރު އޮތް ބީޖޭޕީ ސަރުކާރުގެ ސިޔާސަތު ގޯސްވުމުން އޮތް ކަންބޮޑުވުމެއް ކަމަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އެ ސިޔާސަތަކީ ރާއްޖެ އަޅުވެތި ކުރުމެވެ.

"އިންޑިއާއަށް ރަނގަޅުވާ ގޮތަށް ހާރިޖީ ސިޔާސަތު ތަންފީޒު ކުރެވެމުންދާއިރު ދިވެހި ރައްޔިތުންގެ އެތައް ހައްގެއް ނިގުޅިގެން ދާތީ އަޅުގަނޑުމެން ކަންބޮޑުވަނީ. އިންޑިއާގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ތަންފީޒުވެގެން ދާއިރު ރާއްޖޭގެ މިނިވަންކަން ނިގުޅިގެންދާނެތީވެ އަޅުގަނޑުމެން ކަންބޮޑުވަނީ،" ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ސަރުކާރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މިފަދަ އެއްބަސްވުންތައް އިންޑިއާއިން ހުށަހެޅުއްވި ކަމަށާއި އެކަމަކު ރައީސް ޔާމީން ގެންދެވީ އިންޑިއާގެ އެއްބަސްވުންތަކަށް ދެކޮޅު ހައްދަވަމުން ކަމަށެވެ. އިންޑިއާ ސަރުކާރުން ރައީސް ޔާމީންގެ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި އޮތް ސަބަބަކީ ވެސް އެއީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ޝިޔާމް މިއަދު ފާޑުވިދާޅުވިއިރު ދާދި ފަހަކުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މީސް މީޑިއާގައި ވެސް "އިންޑިއާ އައުޓް" ގެ ޝިއާރުގައި މީސް މީޑިއާގައި ކެމްޕޭނެއް ބަޔަކު ދަނީ ހިންގަމުންނެވެ. "އަޅުވެތި ކަމާ ދެކޮޅަށް" ނަމުގައި މަގުމަތީ ހަރަކާތެއް ވެސް ބޭއްވިއެވެ. ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕް މި ހަރަކާތްތަކުގައި ބައިވެރިވިޔަސް އެ ކޯލިޝަނުން ބުނާ ގޮތުގައި އެއީ އެ ކޯލިޝަނުން އިސްވެ ހިންގާ ހަރަކާތްތަކެއް ނޫނެވެ. އެކަމަކު އެފަދަ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

އިންޑިއާ ސަރުކާރުގެ އަސްކަރީ މަރުކަޒުތަކެއް ރާއްޖޭގައި ގާއިމް ކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދެ ގައުމުގެ ސަރުކާރުން ވެސް ދޮގުކުރެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލަމުންދާއިރު ރާއްޖޭގައި ހަތިޔާރުލީ ސިފައިން ނެތުމުން އެއްވެސް ގައުމެއްގެ "މިލިޓަރީ ޕްރެޒެންސްއެއް" އެއް ނެތް ކަމަށް ރާއްޖޭގެ އަސްކަރިއްޔާއިން ވިދާޅުވެފައިވެއެވެ.

ރާއްޖެ އަޅުވެތިކޮށް، ހިފަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖެ ހިފުމާ ބެހޭ ގޮތުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އިންޑިއާގެ ފަރާތުން ކުރިއަށް ގެންދާ އިރު، އޭގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކާއި އާދައިގެ ކުދި ކުދި މަޝްރޫއުތައް ވެސް ހިމެނެއެވެ. އެކަމަކު، މި މަޝްރޫއުތައް ހިންގަމުންދާތީ އާއި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާތީ ބައެއް މީހުން ކަންބޮޑުވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުއްޅަބޭ

    ށިޔާމުގެ ވާހަކަދުޅަށް ދެކޮޅެއްނަހަދަމު!

    12
    2
  2. ހަނި

    ގެރި މޯޑީ ސަރުކާރު އިލާމުން އަޅުވެތިކުރާާ ސި ޔާސަ ތު ގެންގުޅެނީ ޔﷲ މޯޑީގެކައިންނާއި ދިވެހިސަރުކާރު އަޅަމެންް ސަލާމަތްކުރަވާދޭވެ ޔަ ﷲ ޔަﷲ

    13
    3
  3. އިންޑިޔާ ބޮއިކޮޓް

    އިންޑިޔާއިން މިރާއްޖޭގައި ހިންގަނީ ހިޔަނި މަޝްރޫއުތަކެއް. އެތަރައްގީ ފެންނަނީ އިންޑިޔާސަފީރަށާއި ޖިންނިތަކައް. ރާއްޖޭގައި ހިންގި ބިޔަ އަދި ކުދި މަޝްރޫއުތައް އެހެރީފެންނައް. ނުފެނިގެން އުޅޭކައްނުޖެހޭ. ކަލޭ ކޮންމެރެޔަކު ހުޅުމާލެ އަންނަނީ އެއިން ބޮޑު އެއްމަޝްރޫއުމަތިން. ލަދެއްނުގަނޭތަ؟

    15
    1
  4. އިންޑިޔާ އައުޓް

    ލޮލައް މިތިބީ މިރުސް އެޅިފަ. އެހެންވީމަ އަހަރެމެންނަކައް ސަފީރުއެބުނާ ތަރައްގީ ނުފެނޭ. މީ ގަމާރުންނެއްނޫން.

    14
    2
  5. މުލަންމާ

    އަހަރަމެން ކަންބޮޑެއްނުވޭ އިންޑިޔާއާއި ގުޅުން ބާއްވައިގެން އަހަރެމެން ކަންބޮޑުވަނީ އިންޑިޔާގެ އަވައްޓެރި އެހެން ގައުމުތަކާއެކުނެތް އެކުވެރިކަމެއް މިގައުމާދޭތެރޭއުފެދިގެން އުޅޭތީ އެހެންވީމާ ބުނަނީ އެދުމެއްނެތި ވެދުމެއް ނުކުރާނޭ ކޮންމެވެސް ކަހަލަ ދަހިވެތިކަމެއް މިގައުމާދޭތެރޭ އޮތީމާ ތިހާވަރުން އުޅޭނީ

    18
    3
  6. Anonymous

    # އިންޑިޔާ އައުޓް

    1
    1
  7. މުރާދު

    އެދުމެއްނެތި ވެދުމެއްނުކުރާނެ މިހެންމިބުނީ އަމިއްލަގައުމުގެ ރަށްޔިތުންގެތެރެއިން ވަރަށްގިނަ
    ރަށްޔިތުންހާލުގައުޅޭއިރު އެހެންގައުމަކަށް ބަހާނީ އޭގައި ކޮންމެވެސްއެހެންކަމެއްއޮތީމާކަމުގައި
    ބެލުމުގެ ފުރުސަތުވަރަށްބޮޑު އަމިއްލަގައުމުގެ ރަށްޔިތުންހާލުގައުޅޭއިރު ބައްސަވާބޭފުޅުން ބައްސަވަނީ އެބޭފުޅުންގެ އަމިއްލަތަކެތިތޯ ބައްސަވާތަކެތީގައި ހިއްޕަވަނީ ބައްސަވާގައުމުގެ
    ރަށްޔިތުން ކިތަންމެހާލުގައިވިޔަސް ވަރިހަމަވާތީތޯ އެހެންކަމަށްވާނަމަ އަމިއްލަގައުމުގެ ރަށްޔިތުންގެ
    ހާލާމެދު ( ބައެއްކަންކަމުގައި ކީރިތިކުރެއްވިއަސް ) ހަމްދަރުދީވާނެކަމަށްނުބެލެވޭ