ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކުރެވިފައިވާ މައްސަލަތައް ދިރާސާ ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "ވަގުތު" އަށް ވިދާޅުވީ، އެންޑީއެމްއޭގެ ހަރަދުތައް އޮޑިޓް ކުރުމަށް ފަހު، އޮޑިޓަ ޖެނެރަލް ނެރެފައިވާ އެ ރިޕޯޓްގައި ފާހަގަކުރެވޭ މައްސަލަތައް ދިރާސާ ކުރުމަށް ފަހު، ވަކިވަކި މައްސަލަތައް ތަހުގީގު ކުރުމާ މެދު ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެ ކަމުގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓްގައި މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ ކޮރަޕްޝަން ކަމަށް ބެލެވޭ ގިނަ މައްސަލަތައް ފެންމަތިކޮށްފައިވެއެވެ.

މި ގޮތުން ސަރުކާރުން އަގު ކޮންޓްރޯލް ކޯށްފައިވާ ކާބޯތަކެތި ބޮޑު އަގުގައި ގަތުމުގެ މައްސަލަތަކެއް ހިމެނެއެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތީގެ ސްޓޮކް އެކަށިގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމާއި އޯޑަރު ކުރި ތަކެތި ލިބުނުކަން ކަށަވަރުކޮށް އެ ތަކެތި ލިބުނު ކަމަށް ސިސްޓަމްގައި ރިކޯޑް ކުރުން ފަދަ މައްސަލަތައް ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރަށް، ގެސްޓް ހައުސްތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު ކަށަވަރުނުކޮށް ބިލްތަކަށް ފައިސާ ދައްކާފައިވާ ބައެއް މައްސަލަތައް ވެސް އެ އޮޑިޓް ރިޕޯޓްގައި ފެންމަތިކޮށްފައިވެއެވެ.

އެކަމަކު އޮޑިޓް ރިޕޯޓްގައި ހިމެނޭ ބައެއް ކަންކަން އެންޑީއެމްއޭ އިން ދޮގު ކުރެއެވެ. އެ އިދާރާއިން ބުނި ގޮތުގައި އޮޑިޓް އޮފީހުން ބަލަންވާ މިންވަރަށް ކަންކަން ބަލާފައެއް ނެތެވެ. ކޮވިޑްގެ ހާލަތުގެ ސަބަބުން ބައެއް ތަކެތި ހޯދުމުގައި އަވަހަށް އެ ކަމެއް ހަމަޖައްސޭނެ ގޮތްތަކެއް ބެލި ކަމަށާއި ބައެއް އޮޅުންތައް ވެސް ހިނގާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙުމަދު އެލެކްސް

    ދިރާސާކޮށްކޮށް ތިއްބާ މިސަރުކާރު ނިމޭނޭ!

  2. އަނެއްމީހާ

    ކޮވިޑުނުޖޭހޭތީ ތިކެރެނީ ތަޖުރިބާ ކުރެވުނީމަ ބިރުގަންނާނެ އެހާހިސާބުން ދުއާކުރާނީ ރަގަލުވޭތޯ މިއީ ކަންއޮތް ގޮތްކަން ޔަގީނެވެ ވީމާ ކޮވިޑު ނުޖެހިވޭތޯ ބެލުމަކީ އެއްމެ ރަގަލުގޮތް