ދިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ދިގު މުއްދަތަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އިމިގްރޭޝަން ގާނޫނުގެ ދަށުން ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް މިހާރު ވެސް ރެސިޑެންސް ވިސާ ލިބެއެވެ. އެކަމަކު އަހަރުން އަހަރަށް ވިސާ އާ ކުރަން ޖެހެއެވެ.

ކޮމިޓީއަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވީ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށް އޭނާގެ ޕާސްޕޯޓްފެ މުއްދަތަށް ރެސިޑެންސް ވިސާ ދޫކުރެވިދާނެ ކަަމަށެވެ.

ދާއިމީކޮށް ވިސާ ދޫކުރުމަށް ޝަރުތުތަކެއް ވެސް ވެއެވެ. ކައިވެންޏަށް މަދު ވެގެން ހަތް އަހަރު ފުރިފައި ވުމާއި ހަތް އަހަރު ރާއްޖޭގައި ދިރިއުޅެފައި ވުމާއި ހޭދަވި ކޮންމެ އަހަރެއްގައި މަދުވެގެން އަށް މަސް ދުވަހު ރާއްޖޭގައި ދިރިއުޅެފައި ވުމަކީ ޝަރުތެކެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ ޝަރީއަތުން ހުކުމެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުން ހިމެނެ އެވެ.

ރެސިޑެންސް ވިސާ ދޫކުރާ މީހާގެ ކައިވެނި ރޫޅުނަސް ނުވަތަ ކައިވެނި ކުރި ދިވެހި މީހާ މަރުވިޔަސް އެ ކައިވެނިން ދަރިން ތިބުމާއި އެފަދަ ބިދޭސީއަކު ރާއްޖޭގައި ދިރިއުޅޭއިރު ދައުލަތަށް މާލީ ބުރައެއް އުފުލަން ނުޖެހޭ ނަމަ ވިސާ ދާއިމީކޮށް އޮންނާނެ ކަމަށް އެ ހުށަހެޅުއްވުމުގައިވެއެވެ.

ރެޒިޑެންސް ވިސާ ނުވަތަ ރާއްޖޭގައި ދާއިމީކޮށް އުޅުމުގެ ހުއްދަ ލިބޭ ކޮންމެ މީހަކު އިމިގްރޭޝަން ކޮންޓްރޯލަރު ކަނޑައަޅާ މިންވަރެއްގެ ހެލްތު އިންޝުއަރެންސެއް ނަގަންވާނެ ކަމަށް ވެސް އިސްމާއީލްގެ ހުށަހެޅުއްވުމުގައިވެއެވެ.

ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ދިގު މުއްދަތަކަށް ރެސިޑެންސް ވިސާ ދޫކުރާ ގޮތަށް އިސްލާހެއް ހުށަހެޅިއިރު، ރާއްޖޭގައި އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދޫކުރާ މުޅި އުސޫލަށް ލުއި ގެނައުމާ މެދު ހުށަހެޅުމެއް އައުމާއެކު އެ ބަހުސް ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތީ، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި 100،000ރ. އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމާ މެދު ކޮމިޓީން އަލުން ވިސްނުމަށެވެ. މިކަމާ މެދު އަދި ގޮތެއް ނުނިންމައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    ކުރީގެ ރައީސް ގެ ރޭވުމެކެވެ. 5 ލައްކަ ހަމަ ނުވާ ތަނެއްގަ ބިދޭސީން ދިވެހީންނާ ވިސާގެ ބޭނުމުގަ ވިޔަފާރީގެ ބޭނުމުގަ އިންނަން ފެށީމަ އިސާހިތަކު އެމީހުންނަށް ގައުމުގެ ކޮންޓްރޯލް ލިބިދާނެ އެވެ.