ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު 65 އަށް ދަށްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިއްޔެގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިވަގުތު ހޮސްޕިޓަލްތަކުގައި އާއި ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 65 މީހަކަށެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ އަދަދު އުޅުނީ 80 އިން މަތީގައެވެ.

މިދިޔަ މަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން ރާއްޖޭގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު 170 އަށް ވުރެ މައްޗަށް އެރިއެވެ. އެކަމަކު، ފަހުން އައިސް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ދިޔައީ ވަރަށް ބޮޑު ތަން މަދުވަމުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީ 58 މީހަކަށް ފަރުވާދެމުން އަންނަ އިރު، ދަރުމަވަންތަ ހޮސްޕިޓަލްގައި އެކަކަށް ދަނީ ފަރުވާދެމުންނެވެ. އަދި ގއ. ވިލިނގިިލި ކޮވިޑް ފެސިލިޓީގެ ވޯޑުގައި ހަ ބަލި މީހުންނަށް ފަރުވާ އެބަދެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ވިދާޅުވީ މިވަގުތު ހާލު ބޮޑުވެގެން ކޮވިޑްގެ އެއްވެސް ބަލި މީހެއް އައިސީޔޫ ނުވަތަ ވެންޓިލޭޓަރުގައި ނެތް ކަމަށެވެ. އަދި ވޭތުވެދިޔަ ހަތަރު ދުވަހު އައިސީޔޫގައި ކޮވިޑްގެ ބަލި މީހަކަށް ފަރުވާދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 10،567 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލީގައި ނިޔާވެފައި ވަނީ 34 މީހުންނެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރެއް ހާއިރުގެ ތެރޭގައި ނެގި 1،608 ސުންކުގެ ތެރެެއިން ފައްސިވެފައި ވަނީ 37 މީހުންނެވެ.

މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 1،099 އަށް މަދުވެފައިވާ އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 432 މީހުން އެބަތިބިއެވެ.

ކިޔުންތެރިންގެ ހިޔާލު