އަބުރުގެ ގާނޫނުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތައް ހަނިކުރެވޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އަބުރާއި ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ހަދައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފެށުމުން އެކަމާއި، ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް މީޑިއާތަކުން ވަނީ އެ ޖަމިއްޔާ އަށް ހުށަހަޅާފައި ކަމަށެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މިހާރުވެސް އަބުރާ ބެހުމުގެ ކުށް މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށް އެ ޖަމިއްޔާ އިން އެދޭ ކަމަށް މިއަދު އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޖޭއޭ އިން ބުނީ އަބުރާއި ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ އޭގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިންތައް ހަނިކުރެވޭ ކަމެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން އެ ހައްގުތައް އެންމެ ފުރިހަމައަށް ރަނގަޅުގޮތުގައި ބޭނުންކުރާ ނޫސްވެރިންނާއި އާންމުން ފަސްޖެހި ހައްގުތައް ހެޔޮގޮތުގައި ބޭނުންކުރާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް ބާރުވެރި ފަރާތްތަކަށް ފަސޭހަވުމަށް ދޮރު ހުޅުވޭ ކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ނޫސްވެރިކަމާއި ގުޅުންހުރި ކަންކަން ރެގިއުލޭޓް ކުރުމުގައި ސަރުކާރުން ނުފޫޒުފޯރުވޭ ދައުރެއް އޮތުމާއި، ޖިނާއީ ދައުރެއް އޮތުމަކީ ފާޑުކިއުންގިނަ އަދި މިނިވަން، ތަހުގީގީ ނޫސްވެރިކަމަށް އޮތް ހުރެހެއް ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ބުނީ، އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ އެ ޖަމިއްޔާއިން އަބަދުވެސް އެކަމާއި ދެކޮޅަށް އޮންނާނެ ކަމެއް ކަމުގެ ޔަގީންކަން ނޫސްވެރިންނަށް ދޭ ކަމަށެވެ.