މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އަބުރުގެ އާ ބިލުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާސްކުރި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގައި ހުރި ގޯސްތައް ތަކުރާރު ކުރެވިގެން ނުވާނެ ކަމަށް ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަކީލް މުހައްމަދު ނިޝާން އަކީ ކުރިން އޮތް އަބުރުގެ ގާނޫނު މެދުވެރިކޮށް މީޑިއާތައް ޖޫރިމަނާ ކުރި މައްސަލާގައި ޝަރުއީ ކޯޓުތަކާއި ފުލުހުންގެ އިދާރާ ފަދަ ތަންތަނުގައި މީޑިއާތަކުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލަތު ކުރެއްވި އެއް ވަކީލެވެ.

އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް ރައީސް ޔާމީން ތަސްދީގު ކުރެއްވި އެ ގާނޫނުގެ ދަށުން ރާއްޖެޓީވީ، ވީޓީވީ، ސަންގުޓީވީ ފަދަ ޓީވީ ސްޓޭޝަންތައް ޖޫރިމަނާކުރިއެވެ. އެންމެ ގިނައިން ޖޫރިމަނާ ކުރި ރާއްޖެޓީވީ ވެސް މިލިއަނުން ޖޫރިމަނާކޮށްފައިވެއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތް ފަހުން އެ ގާނޫނު އުވާލަން ސަރުކާރު ކޯލިޝަންގެ މެޖޯރިޓީއާ އެކީގައި ފާސްކުރިއެވެ. އަބުރުގެ ގާނޫނު އުވާލި އިސްލާހަކީ ރައީސް އެންމެ ފުރަތަމަ ތަސްދީގު ކުރެއްވި ބިލެވެ.

"ވަގުތު"އާއި ވާހަކަ ދައްކަވަމުން ވަކީލް ނިޝާން ވިދާޅުވީ ކުރިން އޮތް އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުކުގެ ގާނޫނުގައި އަބުރަށް އަރައިގަތުމަކީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާފައި އޮތެވެ. އަބުރު ރައްކާތެރި ކުރެވެން ވާނެ ކަމަށާއި އަބުރަށް އަރައިގެންފިނަމަ އޮންނަން ވާނީ މަދަނީ ބަދަލު ލިބިދޭ ގޮތަކަށެވެ.

"އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް" އަކީ މިހާރު ވެސް އަބުރު ރައްކާތެރި ކުރަން އޮންނަ ގަވާއިދާ އެެެއް ގޮތަށް މަދަނީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައި އޮންނާނެ ބިލެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ތަފުސީލީ ބިލް އަދި ހާމަ ނުކުރި ނަމަވެސް ބިލާ ގުޅޭ ގޮތުން މީޑިއާތަކަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް އިޝާރާތް ކުރައްވަމުން ނިޝާން ވިދާޅުވީ ކުރިން އޮތް ގޮތަށް މީޑިއާތަކަށް ލިބިދީފައިވާ މިނިވަންކަމުގެ މައްޗަށް "އަޅާ މަޅިއެެއް" ގޮތުގައި ބިލް އޮވެގެން ނުވާނެ ކަމަށެވެ.

އޭރު ބްރޯޑްކާސްޓިން ކޮމިޝަންއަށް ދީފައިވާ ބާރާއި އެ ބާރުގެ ދަށުން ކުރެވެމުން ދިޔަ ޖޫރިމަނާ އަކީ ކުރެވޭ ކުށަށް ވުރެ ބޮޑު އަދަބެއް ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

އޭރު ގާނޫނުގައި ހިމެނޭ އުސޫލުތަކާއި ބްރޯޑްކޮމްއަށް ދީފައިވާ ބާރުތައް އޭނާ ސިފަކުރެއްވީ ގާނޫނީ ގޮތުން އެއްވެސް "ބުރަދަނެއް" ނެތް ހަމަތަކެއްގެ ގޮތުގައެވެ.

"ކުރީގެ ގާނޫނުގައި އޮތީ ވެއިޓޭޖް ހައި އަދަބުތަކެއް، އެއީ ގާނޫނީ ގޮތުން ވެލިއުބަކް ކަމެއް ނޫން، އަބުރު ރައްކާތެރި ކުރެވޭ މިންގަނޑު ކެޓެގަރައިޒް ވާން ވެސް ޖެހޭ، އެހެން ނޫން ނަމަ ހަމަ ޖެހޭ އުސޫލަކަށް ނުވޭ،" ނިޝާން ވިދާޅުވިއެވެ.

ތަހުގީގު ކުރުމުގެ ބާރު ބްރޯޑްކޮމްއަށް އޮންނަ އޮތުމާ މެދު ވެސް ނިޝާންގެ ކަންބޮޑުވުން އެބަ އޮތެވެ. އޭނާ ވިދާޅުވީ މިހާރު ވެސް ބްރޯޑްކޮމްގައި އެފަދަ ބޮޑު މައްސަލަތައް ތަހުގީގު ކުރުމުގެ ފަންނީ ފެންވަރާއި ވަސީލަތްތައް ނެތް ކަމަށެވެ.

"ބްރޯޑްކޮމް އިން ސިޓީއަކުން މި އަންގަނީ، މައްސަލަ ރައްދުވާ މީޑިއާއިން ވެސް ސިޓީއަކުން ޖަވާބު ދެނީ، ދެން މައްސަލަ މި ނިންމާލަނީ، އެންމެ ބެސްޓް ޕްރެކްޓިސްއެއް ނެތް، އިދާރީ އަދުލުގެ ނިޒާމެެއް ނެތް،" ނިޝާން ވިދާޅުވިއެވެ.

ނިޝާން އިތުރަށް ފާހަގަކުރެއްވި ކަމަކީ، އަބުރުގެ ގާނޫނު ނެތް ނަމަވެސް އަބުރަށް އަރައިގެންފިނަމަ މަދަނީ ބަދަލު ހޯދުމުގެ ހައްގު މިހާރު ވެސް ކޮންމެ މީހަކަށް ލިބިގެންވާ ކަމެވެ. އަބަރުގެ ބަދަލު ހޯދުމުގެ ގަވާއިދާއި، އިސްލާމީ ޝަރީއަތެެއް އޮތުމުން ގާނޫނު ނެތަސް އެ ޖާގަ އޮންނާނެ ކަމަށް ވިދާޅުވިއެވެ.