ބާސެލޯނާގެ ރައީސް ކަމުގެ މަގާމުން ޖޯސެފް މަރިއާ ބާޓަމޮއުގެ އިތުބާރު ނެތްކަމުގެ ވޯޓުލުމަށް ބޭނުންވާ ވަރަށް ސޮއި ހަމަވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިތުބާރު ނެތްކަމުގެ ވޯޓުލުމަށް ބޭނުންވާ ވަރަށް ވޯޓު ހަމަކޮށްފައިވަނީ ނުވަ ދުވަސް ވަންދެން އެ ހުށައަޅާފައިވާ ނަންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖުމްލަ 20،687 ސޮޔާއެކު ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅިއިރު، ނަންތަކުގެ ސައްހަކަން ބަލަން ފަށާފައިވަނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ. މ ިމައްސަލައާއެކު ކުރިއަށް ދިއުމަށް ބޭނުންވަނީ 16،521 ސޮއެވެ. ނަންތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާތާ 9 ދުވަސް ވެފައިވާއިރު ބޭނުންވާ ވަރަށް ސައްހަ ނަން ހަމަވެއްޖެކަން ބޭރުގެ ކުޅިވަރު ރިޕޯޓްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ހުށައަޅާފައިވާ ހުރިހާ ނަމެއްގެ ސައްހަކަން ކަށަވަރުކުރަން ޖެހޭއިރު، މިކަން ކުރެވޭވަރު ވާނީ އޮކްޓޯބަރު 10 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ކަންކަން ނިމުމާއެކު ބާސާގެ ވެރިން ބަންދު ދުވަސް ނުލާ 10-20 ދުވަސްތެރޭ ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސަަން ޖެހޭނެއެވެ. އަަދި ބާޓަބޮއު މަގާމުން ދުރުކުރުމަށް ވޯޓުލާ ޖުމްލަ އަދަދުގެ 66 އިންސައްތަ ތާއިދު ލިބެންޖެހޭނެއެވެ.

ބާސެލޯނާގެ ގިނަ ކުޅުންތެރިންނާއި ސްޓާފުންގެ އިތުރުން ސަޕޯޓަރުންގެ ފަރާތުންވެސް އެތައް ފަހަރަކު ބާޓަމޮއު އާއި މެދު ހިތްހަމަނުޖެހި އޭނާ ރައީސްކަމުން ވަކިކުރުމަށް ވެސް އަޑުއުފުލާފައި ވެއެވެ. އަދި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ވެސް ޓީމްގެ ވެރިންގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހި ޓީމް ދޫކޮށްލަންވެސް މަސައްކަތްކޮށްފައި ވެއެވެ.