ކުރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ މަޤާމުން ވަކިކުރަން ފެންނަ ކަމުގައި ކަނޑައަޅައި އޭނާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަންް (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ވަކިކުރަން ނިންމާފައިވަނީ، އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހުގީގުކުރި ކުރުމުން އޭނާގެ މައްޗަށް ސާބިތުވި ކަންކަމަކީ ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެއް ކަމުގައިވާތީ ކަމުގައެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީގެ މައްޗަށް ޖޭއެސްސީން ތަޙްޤީޤުކޮށްފައިވާ މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން މައްސަލައިގައި ތުޚުމަތުކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުވާލިބޭ ފަރާތްތަކުގެ އެދުމުގެމަތިން އެ ހުރިހާ ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިޢުނާފްކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖަޢާކޮށް އެމައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާ އެއްގޮތަށް ޢަމަލުކުރުން ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައެކެއް ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުންޏެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު 10 މީހުންގެ ތެރެއިން 9 މީހެއްގެ މައްސަލައިގައި، އެކި ތާރީޚުގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ޢަމަލުކުރައްވާފައި ނުވާކަމާއި، އެމައްސަލަތަކުގައި ބަންދު މުރާޖަޢާކޮށްދިނުމަށް އެދި 23 އޮކްޓޫބަރު 2018 ގައިއާއި، 30 އޮކްޓޫބަރު 2018 ގައި އަދި 12 ނޮވެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެންވެސް ބަންދު މުރާޖާޢާ ކުރުމަށް އަޑުއެހުމެއް ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ތާވަލުކޮށްފައި ނުވާކަން ޖޭއެސްސީގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށް އެކޮމިޝަންގެ ބަޔާނުގައި ވެއެވެ.

އެ މައްސަލައިގައި ހިމެނޭ 10 މީހުންގެ ތެރެއިން އެންމެ ފަހު ފަރާތްކަމަށްވާ ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްސަލައިގައި، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ކޯޓު އަމުރު 17 އޭޕްރީލް 2019 ދުވަހު ހައިކޯޓުން ބާޠިލުކޮށް ނިންމި ނިންމުމުގައި، ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގެ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންޖޭނެކަމަށް ކަނޑައަޅާފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހެޅިކަމުގައި ވީނަމަވެސް، އެމައްސަލައިގައި ހިމެނޭ އެހެންފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް މުރާޖަޢާނުކޮށް ބޭއްވިގޮތަށް، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވާ މުހުލަތު ފާއިތުވެ އެތައް ދުވަހެއް ދިޔައިރު ތ.ބުލޫނިޔާއާގޭ މޫސާ އިބްރާހީމްގެ މައްސަލައިގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި، ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޢަމަލުނުކޮށް އެމައްސަލަ ލަސްކޮށްފައިވާކަން ޖޭއެސްސީގެ ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައި ކަމަށް އެކޮމިޝަނުން ބުނެއެވެ.

"ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ޢަމަލުނުކުރާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް ފޮނުވަމުން ދިޔަ ސިޓީތަކަށް އަޅާލުމެއްނެތި، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުން ގަސްތުގައި ދިގުދަންމާފައިކަމާއި، އެންމެފަހުން ޤާޟީ އިބްރާހީމް ޢަލީ އެމައްސަލައިގައި އަޑުއެހުމެއް ބޭއްވީ ހައިކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން 10 ޖޫން 2019 ގައިކަންވެސް ފާހަގަކުރެވެއެވެ. އަދި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި، ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ހުރިގޮތުން ދައުވާލިބޭ މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭކަމާއި، އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫންކަމާއި އަދި މަތީމަރުޙަލާގެ ކޯޓަކުން އެގޮތަށް އަމުރުކޮށްފައިވާތީ މަޖުބޫރީ ޙާލަތެއްގައިކަން ދޭހަވާފަދަ މޭރުމަކުން ހައިކޯޓުގެ ޙުކުމުގެ ހުރުމަތަށް އަސަރުކުރާ ގޮތަށް ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ބައްޓަންކޮށްފައިވާކަންވެސް މިކޮމިޝަންގެ ތަޙްޤީޤަށްވަނީ ފާހަގަކުރެވިފައެވެ." ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މައްސަލައިގައި، ބާވަތަށާއި، ހުށަހެޅިފައިވާ ހެއްކަށާއި ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ ޝަރުޢީދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެދަށުން، އެމައްސަލަ ބެލި ތަޙްޤީޤު ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.

ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ޖޭއެސްސީން މިއަދު ނިންމިއިރު، ޤާޟީ އިބްރާހީމް ޢަލީގެ އިތުރު 3 ސުލޫކީ މައްސަލައެއް ޖޭއެސްސީން ދަނީ ތަޙްޤީޤުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަނަމަނަ

    މަސްތޫރު ރިއްފަތު ހިސާން މިތިންމީހިންނަކީ މިގައުމުގެ ޖުޑިޝަރީގެ ހަލާކު ގައުމުންވެސް ބޭރު ކޮއްލަންޖެހޭބައެއް ކިތައްމީހުންވަޒީފާ މިގރއްލުވަނީ ﷲ މިތިންމީހުންގެ ފަރާތު މިގައުމުގެ ޖުޑިޝަރީ ސަލާމަތްކުރައްވާޝި އަންހެނުން ތަންތަނުގެވެރިންނައްލީމަ އިންސާފުވެރިކޮއް ކައްންތައްނުނިއްމޭނެ

    12
    1
  2. ފާތުން

    ޤާޒީ ގެ މައްސަލައެބައުޅޭ. ޢެހެން ކަމުން ޖޭ.އެސް.ސީ ގެނިންމުން ރަނގަޅު. ޤާޒީ ވަކިކުޜޭ.

    2
    6
  3. މާމީ

    މިހާރު ބައިމީހުން ވެސް ބޭރު ކޮއްލާތި؟

    5
    1
  4. މައިނާ

    ކަލޯމެން ގެ ވަކިވެދިއުންވެސް އަންނާނެ. ހިތި ފޮނި ކިޔާކަށް ނޭންގޭ. ވިސްނައިގެން ތިބޭތި. މިވެރިކަމެއް އަބަދަކު ނޯންނާނެ.

  5. އަނަސް

    ބުދު ކުރިމަތީގަ ބަހައްޓައިގެން ނުތިބެވޭނެ ދުވަސް ގާތްވާކަން ހަނދާންކުރާތި. ލުއްޗާ

  6. މެކް

    މި ހާރު ކޯޓްތަކުގެ ފަޑިއާރުންނަކީ ކައްމަތީ ފިހާރަ ތަކުގައި ގެންގުލޭ ބޮންދުންނައްވުރެންވެސް ދަށުދަރަޖައިގެ ބައެއް ބޮސް ނުރުހޭއިރައް ނަގާ އެއްލައި ލަނީ .ހެެހެހެހެހެހެހެެހެ

  7. ސަމްކުޅިބޭ

    އަންނި ނުރުހޭ އެކަކުވެސް ކޯޓަކު ނުބަހައްޓާނެ.