މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 35 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 32 މީހުންނަކީ ދިވެހިންނެވެ. ކޮންމެ ރެއަކު އެޗްޕީއޭ އިން އާއްމުކުރާ މައުލޫމާތައް ބަލާއިރު މިއަދަކީ ޖުލައި 23 ވަނަ ދުވަހަށް ފަހު އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ. ނަމަވެސް އެޗްޕީއޭ އިން ފައްސިވާ މީހުންގެ އަދަދު ކޮންމެ ރެއަކު އިއުލާން ކުރަނީ އިރުއޮއްސި 18:00 އާއި ހަމައަށް ލިބިފައި ހުންނަ ނަތީޖާ އަށް ބަލާފައި ކަމަށް ވާތީ ކޮންމެ ދުވަހކު ފައްސިވާ މީހުންގެ އަދަދަށް ބަދަލުތައް އާދެއެވެ. ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު މިދިޔަ ހޯމަ ދުވަހު ވެސް ފައްސިވެފައި ވަނީ 35 މީހުންނެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ ވަނީ 10656 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 6770 ދިވެހިންނާއި 3886 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 81 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9547 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދު 1068 އަށް މިހާރު ވަނީ މަދުވެފައެވެ. 387 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މިހާރު ވަނީ 63 އަށް މަދުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ރާއްޖޭގައި 1123 ސުންކު (ސާމްޕަލް) ޓެސްޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު