ފުރަތަމަ ބުރުގައި ދަނޑުވެރިކަން ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ހަ ފަޅު ރަށެއް އިއުލާނު ކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅުރަށެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ރަށްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 21 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފުރަތަމަ ބުރުގައި ދޫކުރުމަށް ނިންމާފައިވާ ރަށްތަކަކީ:

  • ހއ. މަޑުލު
  • ށ، ކަކާއެރިޔަދޫ
  • ށ. ނެޔޮ
  • ނ. ތޮޅެންދޫ
  • ބ. މާއްޑޫ
  • ގދ. އޮއިނިގިއްލާ

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި އެ މިނިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުންކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.

އަދި މިކަމުގެ ސަަބަބުން ޕޯލްޓްރީ ނުވަތަ ކޯލިއާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވެގެންދާނޭ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރު ކުރުމަށް ކުރަން ޖެހޭ ހަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތައް ކުއްޔަށް ނަގާ ފަރާތްތަކުން ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކު އަކަފޫޓަކަށް 10 ލާރީގެ މަގުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑު ކަމާއި ގުޅިގެން ބީލަން ފޮތް ވިއްކުމާއި ބިޑު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީގެ ނަމްބަރު 7755335 އަށް ޓެކްސްޓް މެސެޖު އަދި [email protected] އީމޭލް މެދުވެރިކޮށެވެ.

ބީލަން ފޮތް ވިއްކަން ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:00 އަށް އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަން (ވެލާނާގެ 2 ވަނަ ފަންގިފިލާ) އިންކަމަށް އެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރަތެއް

    ހަދާފައި އޮތް ޤައިދެއް ނިކަން ބަލާށެވެ. އެއްވެސް އިންވެސްޓެއް ކުރުން ޝަރުތު ނުކުރާ ޒަމާނުގައި ވެސް ފަޅުރަށެއް 21 އަހަރަށް ކުއްޔަށް ދެއެވެ.10 މިލިޔަން ރުފިޔާ އިންވެސްޓް ކޮށްފައި އަދި އެކްއީޒިޝަން ފީ ނަގާފައި ވިލިގިލި ވަރުގެ ރަށަކަށް މަހަކު ދެލައަކަ ރިފިޔާގެ ފީއެއް ނަގާފައި ވެސް ކުއްޔަށް ދެނީ 21 އަހަރަށެވެ.
    ރިޒޯޓް ތަށް ކުއްޔަށް ދޭ މުއްދަތު މިހާރު 10 އަހަރުން ފެށި ގޮތަށް 99 އަހަރަށް ހަދާ ފިއެވެ. އަދި ކޮބާ 99 ފަހުން ވެސް އަތުލާނަމަ އިންވެސްޓް މަންޓްގެ ބަދަލު ދޭން ޖެހެއެވެ.
    ކިހާ ފެއަރ ގޮތެއް ތޯއެވެ؟