ހައިކޯޓުން ކުރާ ޙުކުމްތައް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބޭ ގޮތަށް އެކޯޓުގެ ޤަވައިދު ބަދަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ އާޤަވައިދަށް ހޮނިހިރު ދުވަހުން ފެށިގެން އަމަލު ކުރަން ފަށާއިރު އެޤަވައިދު ބުނާ ގޮތުން ހައިކޯޓުން ނިންމާފައިވާ މައްސަލައެއްގެ ޙުކުމާމެދު، ނުވަތަ އެ ކޯޓުން ކުރާ އަމުރަކާމެދު ނުވަތަ ނިންމާ ނިންމުމަކާމެދު ސުޕްރީމް ކޯޓަށް ޤަބޫލު ކުރެވޭފަދަ ސަބަބުތަކެއް ހުށަހަޅައިފިނަމަ، އެ ޙުކުމެއް ނުވަތަ އެ އަމުރެއް ނުވަތަ އެ ނިންމުމެއް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

ނަމަވެސް މިގޮތަށް ސުޕްރީމް ކޯޓުން ޢަމަލު ކުރާނީ، އެ ޙުކުމެއް ނުވަތަ އެ އަމުރެއް ނުވަތަ އެ ނިންމުމެއް ބެލުމަށްފަހު އެކަމެއް ތަންފީޒުނުކޮށް ވަގުތީގޮތުން ހިފެހެއްޓުން ރަނގަޅު ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ފެނިއްޖެ ހިނދެއްގައި ކަމަށް ވެސް ސުޕްރީމް ކޯޓުން ދެންމެ އާއްމުކުރި ޤަވައިދުގައި ބުނެފައި ވެއެވެ.

މިގޮތުން، ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދޭނަމަ އެދެންވާނީ ސުޕްރީމް ކޯޓުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމުން ކަމަށް ވެސް ޤަވައިދުގައި ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓުން މިއަދު އެކޯޓުގެ އާޤަވައިދު އާއްމު ކުރިއިރު ވަނީ ޤަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ ކުރިން ސުޕްރީމް ކޯޓު ހިންގުމުގައި އަމަލު ކުރަމުން އައީ 2009 ވަނަ އަހަރުގެ މެއި މަހު އާއްމުކުރި ޤަވައިދަކަށެވެ. އެޤަވައިދުގައި ހައި ކޯޓުގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް ބުނެފައެއް ނޯވެއެވެ.

ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ނުވަތަ ކޮށްފައިވާ ޙުކުމެއް އަލުން ބެލޭނެ ހާލަތްތައް ވެސް މިރޭ އާއްމުކުރި ޤަވައިދުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ނުވަތަ ކޮށްފައިވާ ޙުކުމެއް އަލުން ބެލޭނީ މައްސަލައިގައި ހިމެނޭ ފަރާތަކުން ނުވަތަ މަސްލަހަތު އޮތް ފަރާތަކުން އެ މައްސަލައެއް ހުށަހެޅުމުން، މައްސަލައިގެ ތަބީޢަތަށް ރިޢާޔަތްކުރުމާއެކު، އެ މައްސަލައަކީ ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކޮށް، ޤާނޫނާ ޚިލާފު ނިންމުމަކަށްވުމުގެ ސަބަބުން، ނުވަތަ މައްސަލަ ނިންމާ ފަހުން އައު ހެކި ލިބިއްޖެނަމަ އެ ހެއްކަށް ރިޢާޔަތް ނުކުރުމުގެ ސަބަބުން، ނުވަތަ އެނޫންވެސް އެހެން ސަބަބަކާ ހުރެ، ފާޅުކަން ބޮޑު ބޭއިންޞާފެއް (ގްރޮސް އިންޖަސްޓިސް) ފެންނަން އޮންނަ ޙާލަތުގައި ކަމަށް ޤަވައިދުގައި ބުނެފައި ވެއެވެ.

އަދި ކުރިން ހުށަހެޅިފައިވާ ހެއްކަކާ ބެހޭގޮތުން ނުވަތަ ޤާނޫނީ ނުކުތާއަކާ ބެހޭގޮތުން ބަހުސްކުރުމުގެ ފުރުޞަތުއޮތުމަކީ ޙުކުމެއް ނުވަތަ ނިންމުމެއް އަލުން ބެލުމަށް ހުއްދަދެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ޤަވައިދުގައި ބުނެފައި ވެއެވެ.

މިއަދު ސުޕްރީމް ކޯޓުން އަމަލުކުރަން ފެށި ޤަވައިދަށް އަމަލު ކުރަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޤަވައިދާއި މީގެ ކުރިން އެކޯޓުން އާއްމުކޮށްފައިވާ އަށް އުސޫލަކާއި އެއް ސާކިއުލާ އަދި އެއް އާއްމު ސިޓީ އުވުނީ ކަމަށް ޤަވައިދުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިއަދު

    ތިއުޅެނީ އަދީބުގެ މައްސަލަ އަލުންބަލާފާނެތީ އެކަމަށް ތަރައަޅާލަންކަމަޢްތަ އެހެންހީވެސް ނުކުރައްވާ އިންޝާﷲ ބޮޑުތަތަނުންބަލާނެ

    6
    1
  2. ވާގޮނުސްކޮ

    މިއީ މިހާރު ކުޅޭކުޅޭ ކަމަކަށް ހަދައިފި. އެއިރެއްގަ ސަރުކާރުގެ މަތިފަޑީތިބޭ ބަޔަކު ހިންގާޖަރީމާ ތަކަށް ފަސްއަޅާ ފޮރުވަން ބޭނުންކުރާ ޓޫލް ތަކެއްކަމުގަ ކޯޓްތައް ހަދައިފި. ޖުޑިޝަރީ މިނިވަންވެ ގައުމުއަޅުވެތި..... މިއޮތީވާ ވެރިކަމެއް.

    3
    1
  3. ނަައީމް

    ޔާމީންގެ އެކައުންޓްތައް ދޫކުރީމާ މިކަން މިކުރަނީ ދެންދޫކޮށްލާނީ ޔާމީންކަންޔަގީންވީމާ ބިރުން ... ހައގު ހިފެހެއްޓުމުގެ ބާރު މިކަން މިހެން ކޮށްފިނަމަ އަނެއްކާވެސް ގައުމު ފަހަތަށް ފިޔަވަޅެއްއެޅުންނޫން ކަމެއްނުވާނެ ރައްޔިތުންނޭ ރަނގަޅަށްވިސްނަވާ އިންތިހާބަކަށް ތައްޔާރުވޭ ގައުުމު އޮޔާދިޔަ ނުދެއްވާ ކާބަފައިން ކުރެއްވި ޖިހާދުގެ މަތިން ހަދާން ނައްތާ ނުލައްވާ އޭރައްވުރެ މިހާރު ރޭވުންތެރިކަމާއި އިސްނެގުން މާ ރަޏގަޅުވާނެ

  4. ޝެހާނީ

    އަލީޒާހިރު އޮޅުންފިލުވަން ބޭނުންވާ ކަންތައް ހައިކޯޓުން އޮޅުންފިލުވައިނުދިނުމާއި ، ޔާމީންގެ އެކައުންޓްތައް ފްރީޒްކުރެވޭން ނެތްކަމަށް ސްޕްރީމްކޯޓުން ނެރުނު ޙުކުމުގައި " ދައުލަތުން ތިޔަ ވިދާޅުވާ އެއްމިލިޔަން ޑޮލަރު އޭސީސީން އަންގައިގެން ބެހެއްޓި އެކައުންޓުގައި މިހާރުވެސް އެބަހުރިކަން ދައުލަތުގެ ލިޔެކިޔުންތަކުން އެބައެނގޭ " މި ވާހަކަ އޮތުމުން ޔާމީން މިނިވަން ވެދާނޭކަމުގެ ބިރު ސަރުކާރަށް އޮތުމުން ދުރާލާ ރޭވި ރޭވުމެކެވެ. އެކަމަކު އިންޝާއަﷲ ހައިކޯޓާ ސްޕްރީމްކޯޓުގެ ފަނޑިޔާރުން ﷲއަށް ޓަކައި ޢަދުލުވެރި ޙުކުމެއް ކޮށްފިނަމަ ރައީސް ޔާމީން މިނިވަންވެގެން ދާނެއެވެ. ކޯޓުތަކުގެ ަފނޑިޔާރުން މާތްﷲގެ ފޮތާ ރަސޫލާގެ ސުންނަތާ ޤާނޫނުގެތެރޭގައި ތިއްބެވުމަކީ މޮޅު އިތުރުގޮތެވެ.