ރޯދަމަހަށް ޔޫއޭއީން ހަދިޔާ ކުރި ކާބޯތަކެތި ބަލައިގަންނަން ފަލަސްތީނު ރައްޔިތުން ދެކޮޅު ހަދައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ދިމާކޮށް ޔޫއޭއީން ދަނީ އަލް އަގްސާ މިސްކިތުގައި ހަޅުކަމުގައި ޝާމިލުވެގެން އުޅޭ ފަރާތް ތަކަށް ކާބޯތަކެތި ފޯރުކޮށް ދެމުންނެވެ. ނަމަވެސް މި ރޯދަމަހު ފަލަސްތީނުގެ ރައްޔިތުން ވަނީ ޔޫއޭއީން ހަދިޔާ ކުރި ކާބޯތަކެތި ބަލައިގަންނަން ދެކޮޅު ހަދާފައެވެ.

ފަލަސްތީނުގެ އެކްޓިވިސްޓުން ތަކެއް ދަނީ " ވީއާ ނޮޓް ހަންގްރީ " ނަމުގައި ހޭޝް ޓެގެއް ހަދައިގެން ޔޫއޭއީން ހަދިޔާކުރި ކާބޯތަކެތި ބޮއިކޯޓް ކުރުމުގެ ކެންޕެއިންއެއް ފަށާފައެވެ.

ފަލަސްތީނުގެ އެކްޓިވިސްޓުން ބުނާ ގޮތުން ޔޫއޭއީ ގެ އިތުރުން ބައެއް ގަލްފުގެ ގައުމުތަށް ކަމަށް ވާ ސައުދީ އަރަބިއާ , ބަހުރެއިން , ދަނީ އިސްރާއީލަށް ފާޅުގައި ގުޅުން ބާއްވަމުން ކަމަށެވެ.

އިސްރާއީލުގައި ދާދި ފަހުން ބޭއްވި ބައިސްކަލު ދުއްވުމުގެ ރޭހެއްގައި ސައުދީގެ އިތުރުން ބަހްރެއިންގެ ޓީމެއް ބައިވެރިވެފައިވާ ކަމަށް ބުނެ މައްސަލަ ވަނީ ހޫނުވެފައެވެ.

ގުދުސް އަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުން ފަލަސްތީނުގެ ޣައްޒާގައި ވަނީ ވަރުގަދަ މުޒާހާރާތަކެއް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާތަކެއް ވެސް ދީފައެވެ.

ޣައްޒާގައި އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 62 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 3000 ވުރެ މައްޗަށް އަރައެވެ.

ހޯމަ ދުވަހު ދޭންފެށި މި ޙަމަލާތަކުގައި އަންހެން ކުއްޖަކު ހިމެނޭގޮތަށް ޖުމްލަ މިހާތަނަށް ހަ ކުއްޖަކު ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުގެ މި އަމަލު ދުނިޔޭގެ ބޮޑު ބާރުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

އިސްރާއީލް އިން ފަލަސްތީންގެ ބިމަށް ވެރިވެގަތްތާ 70 އަހަރު ފުރުމާއި ދިމާކޮށް އެމެރިކާގެ އިސްރާއީލް އެމްބަސީ މުސްލިމުންގެ މުގައްދަސް ބިން ގުދުސް އަށް މިހާރު ވަނީ ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައިބޯނި

    ސާބަހޭ ކުރިންނޭ

  2. ސާބަސް

    ސާބަސް. އެބަ ރަނގަޅުވޭ.

  3. އަގުހަ

    ވިޔަފާރިއާއި ނުފޫޒުގެ ބޭނުމުގައި ބޮޑެތި އަރަބި ގައުމުތައް ވަނީ އެމެރިކާއަށް އަޅުދާސްތުވެފައި މީގެ އެންމެ ކުރީސަފުގައި އުޅެނީ ސައުދީ