ދިވެހިންގެ ތެރޭގައި މަޤްބޫލު ބުއިމެއް ކަމަށްވާ ކޮކާ ކޯލާގެ އިޝްތިހާރެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހަދައިފި އެވެ.

މިރޭ މާގިރީ ހޮޓެލްގައި މިއިޝްތިހާރު ލޯންޗްކޮށްފައިވާއިރު، މިއިޝްތިހާރު ކުޅެފައިވަނީ ރާއްޖޭގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ޝީލާ ނަޖީބާއި އަހުމަދު ނިމާލެވެ.

ޗޮޕާޓް މޯލްޑިވްސް އާ ހަވާލުކޮށްގެން އުފެއްދި އެ އިޝްތިހާރުގައި ދިވެހި ވަންތަކަމެއްހުރި އިރު، ކޮކާކޯލާ ޓީމްއިން ބުނެފައިވަނީ ކޮކާކޯލާއަކީ ދިވެހިންނާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދިވެހިންގެ މެދުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ބުއިމެއްކަމަށެވެ. އަދި މި އިޝްތިހާރުގެ ސަބަބުން ދިވެހިންނާ ކޮކާކޯލާއާ އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަަމަށް އުއްމީދުކުރާ ކަމަށްވެސް ކޮކޯކޯލާއިން ބުނެއެވެ.

ކޮކާކޯލާއިން ނެރެފައިވާ މިއިޝްތިހާރުގައި ފެންނިގެންދަނީ ރާއްޖޭގެ އާއިލާއަކުން ރޯދަ ވިއްލާ މަންޒަރެވެ. މިއިޝްތިހާރުން ފެންނަ ގޮތުން އެދުވަހުގެ ރޯދަ ވީއްލުމަށް ކެއުން ތައްޔާރު ކުރަނީ އެއާއިލާގެ ފިރިހެން ދަރިފުޅެވެ. އަދި ރޯދަ ވިއްލާ ވަގުތު ޖެހުމުން އެންމެން ކާތަކެތީގެ ރަހަ ބެލުމުން، އެފިރިހެން ކުއްޖާ އޭނާގެ ދައްތަ ކުރެން ކެޔުން ކަމުދޭތޯ އަހައެވެ. ދައްތަ ޖަވާބުގައި ބުނީ ކޮންމެވެސް އެއްޗެއް މަދު ކަމަށެވެ. ބައްޕަވެސް ބުނީ ހަމައެހެންނެވެ. އެވަގުތު މަންމަ ގޮސް ކޮކޯކޯލާ ފުޅިއެއް ކާމޭޒު މައްޗަށް ގެނެއެވެ. އަދި އެކަމާ އެންމެން އުފާވާ މަންޒަރު ފެނިގެން ދެއެވެ.

ކޮކާކޯލާ ކުންފުނިން ކުރިން ވަނީ އިޝްތިހާރަކަށް ރާއްޖޭގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ޝަލަބީގެ ލަވައެއް ލާފައެވެ. މި އިޝްތިހާރަށް ގިނަ ދިވެހިންގެ މަޤްބޫލުކަންވަނީ ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    ފިލްމް ކުޅޭން ނުލިބުނީމާ ދެން ކޮންމެ ވެސް އެއްޗެއް ކުޅޭންވާނެ.. ދެން ސިޔާސީ ދާއިރާއަށް ނިކުމޭ... ހުސްނުވާ ދާއިރާ އެއީ..