ގދ.ތިނަދޫގައި ހުންނަ ޑރ.އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) އެއް ހުޅުވައިފިއެވެ.

އެޗްޑީޔޫ ހާއްސަ ކޮށްފައިވަނީ އިންފެކްޝަނެއް ޖެހުމުގެ ފުރުސަތުބޮޑު ބަލިމީހުންނާއި ބޮޑެތި އޮޕަރޭޝަންތައް ކުރުމަށްފަހު އެޑްމިޓްކުރެވޭ ބަލިމީހުންނަށެވެ.

އެ ހޮސްޕިޓަލުގައި އިއްޔެ އެޗްޑީޔޫ ހުޅުއްވައިދެއްވާފައިވަނީ ހޮސްޕިޓަލަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުން އަންނަ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު ހުސެއިން އެވެ.

އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެޗްޑީޔޫއެއް ހުޅުވުމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމަރ ރިލޭޝަން އޮފިސަރ ސާލިމް އަލީ ވިދާޅުވީ، އެޗްޑީޔޫ ހުޅުވާފައިވަނީ އެތަނުގެ ސަބަބުން ހޮސްޕިޓަލަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލްގައި ހުޅުވި އެޗްޑީޔޫ ހުޅުއްވައި ދެއްވަނީ-- ފޮޓޯ: ތިނަދޫ ހޮސްޕިޓަލް

ސާލިމް ވިދާޅުވީ، މި ޔުނިޓުގެ ސަބަބުން އައިސީޔޫގައި ބާއްވަންޖެހޭ ބަލިމީހުންނަށްވުރެ އެއް ދަރަޖަ ސިއްހީގޮތުން ރަނގަޅު ބަލިމީހުންނަށް، އާންމު ބަލިމީހުނަށްވުރެ ރަނގަޅަށް އެކަށީގެންވާ ވަސީލަތްތަކާއެކު މޮނިޓާކޮށް ފަރުވާދީ ބެލެހެއްޓުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބެގެންދާނެ ކަމަށްވެސް ސާލިމް ވިދާޅުވިއެވެ.

ތިނަދޫ ހޮސްޕިޓަލްގައި ހުޅުވި އެޗްޑީޔޫގެ އެނދުތައް-- ފޮޓޯ: ތިނަދޫ ހޮސްޕިޓަލް

"މިހޮސްޕިޓަލްގައި އަޅުގަނޑުމެން ހަމަ ވަރަށް ބޮޑެތި އޮޕަރޭޝަންތައް ކުރަމުން މިގެންދަނީ. ހާއްސަކޮށް ކަށީގެ އޮޕަރޭޝަންތައްވެސް. އެހެންމަ އެފަދަ އޮޕަރޭޝަންތައް ކުރުމަށްފަހުގައި މިހާތަނަށް މެނޭޖް ކުރަމުން މިދަނީ ޕްރައިވެޓް ރޫމްތައް ޔޫޓިލައިޒް ކޮށްގެން. އެކަމަކު ހުޅުވިގެން މިދިޔަ ޔުނިޓާއި ގުޅިގެން އެކަމަށްވެސް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދާނެ." ސާލިމް ވިދާޅުވިއެވެ.

ސާލިމް ވިދާޅުވީ، އެޗްޑީޔޫ ހުޅުވާފައިވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެސް ހުންނަ ގޮތަށް ދެ އެނދާއި އެކު ކަމަށެވެ. އެގޮތަށް ހުޅުވާފައިވަނީ ތަނުގެ ޖާގައަށް ބަލާފައި ކަމަށްވެސް ސާލިމް ވިދާޅުވިއެވެ.