ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ފުރަތަމަ ކުރައްވާނެ ކަންކަމުގެ ތެރޭގައި ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން ހިމެނޭ ކަަމަށް ދި ޑެމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ރަށު ކައުންސިލުން އެތައް މަސައްކަތެއް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްފައި ވެއެވެ. އަދި އެކަމާއި އެތައް ފަހަރަކު ކަމާއި ގުޅުން ހުރި އިދާރާތަކާއި ހަމައަށްވެސް ކައުންސިލުން ގޮސްފައި ވެއެވެ. އޭގެ ތެރޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ ހިމެނެެވެ. އަދި އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި އެލްޖީއޭ މަޝްވަރާ ކުރެވުނެވެ.

އެލްޖީއޭއިން ލާމަރުކަޒީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ދާދި ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު ސިޓީއެއްގެ ދަރަޖައަކަށް ބޭނުންވާ ހުރިހާ ޝަރުތެއް ތިނަދޫގައި ހަމަވާ ކަމަށް ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނު ބުނެފައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 މީހުން ހަމަވުމާ އެކު ސިޓީއެއްގެ ދަރަޖަ ދެވޭ ތަންތަނުގައި ލިބެން ހުންނަން ޖެހޭ ހިދުމަތްތަކާއި އެތަނެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވަކި މިންވަރަކަށް ވުރެ މަތިވުމުންނެވެ.

ތިނަދޫގެ އާބާދީ 10،000 އަށް ނާރައެވެ. ނަމަވެސް އެހެން ރަށްރަށު މީހުންނާއެކު އެރަށުގެ އާބާދީ 10،000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެއެވެ.

ސިޓީއަކުން ލިބެން ހުންނަ ހިދުމަތްތައް ލިބޭ ފެންވަރަށް އެ ރަށް ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ތަރައްގީ ކުރާނެއެވެ.

އަމްރު "ވަގުތު"އަށް ވިދާޅުވީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ، ދަ ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި އޮތީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް، ސިޓީއެއްގެ ދަރަޖަ ދޭއިރުގައި ސިޓީއެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށް އަޅުގަނޑުމެންގެ ދައުރު ފެށޭއިރަށް މަސައްކަތް ކުރިއަށްގެންދާނެ."

އަމްރު ވިދާޅުވީ، މިއީ ތިނަދޫ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ ކަމެއް ކަމަށެވެ. އަދި މި ވަހަކަ އެތައް ފަހަރަކު އެކި ގޮތްގޮތަށް ދައްކާ، އެތައް ފަހަރަކު ބައްދަލުވުންތައް ރައީސް އޮފީހުގައިވެސް ބޭއްވިގެން ދިޔަ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް އެއްގޮތަކަށްވެސް އެކަން ނުކުރި، ކުރަން ޖެހޭ ކަމެއް، މި ފަސް އަހަރު އެއްކޮށް ދުއްވާލީ އެކަން ނުކޮށް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނޮވެމްބަރު 11 ދުވަހު ހުވާ ކުރުމާއި އެކީގައި ފުރަތަމަ ކުރާނެ އެއް ކަމެއް އެއީވެސް.".

އަމްރު އާއި އޭނާގެ ޓީމް މާދަމާ ހުވަދު އަތޮޅަށް ފުރާވަޑައިގަންނަވާއިރު، ތިނަދޫއަށްވެސް ވަޑައިގަންނަވާނެއެވެ.

މިހާރު ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ދެވިފައިވާ ރަށްތަކުގެ ތެރޭގައި މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތޯތޯ

    މިދިޔަ 5 އަހަރު ވެރިކަމުގަ އޮވެފަ ނުކުރި ކަމެއް ދެން ކަލޭމެނަކަށް ނުވާނެ. މުއިއްޒު މާ ރަނގަޅު

    • ބުރޯ

      މުއިއްޒު ކޮން ވެރިކަމެއްގަ ކީއް ކޮއްފައި އޮތީ؟ އަހަން ހީކުރީ ޔާންޓޭކަމަށް ކުރިކަމެއް ކުރިީ

  2. Anonymous

    ދަނޑިމޮކްރެޓްސް އާ އެމްޑީޕީ އަކީ އެކައްޗެއް.އެއް ފިކުރެއް. އަންނިއާ އިބޫގެ ކޯޅުން ހަމައެކަނި ތަފާތީ.

  3. ހުސޭނުބޭ

    ސިޓީ ލާނެ އުރަ ކޮބައިހޭ!