އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް އިތުރު ކުރި މާއްދާ އުވާލައި، އެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ގައުމީ ސަލަމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ނައިބު މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވީ ކުރީގެ ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން ކުރީގެ މަޖިލީހުން ފާސްކުރި އެ އިސްލާހު އުވާލައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި މާލެއާއި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެއްވަން ބޭނުންވާ ފަރާތްތަކަށް އެއްވެވޭ ގޮތް ހެދުމަށެވެ.

އެކަމަކު ގައުމީ ސަލާމަތަށް ޓަކައި އެއްވެ އުޅުން މަނާ ބައެއް ސަރަހައްދުތަކެއް ގާނޫނުގައި ކަނޑައެޅުމަށް ވެސް އީސަ ހުށަހެޅުއްވިއެވެ.

އެ ސަރަހައްދުތަކުގެ ތެރޭގައި ރިސޯޓްތަކުގެ މުވައްޒަފުން ދިރިއުޅޭ ސަރަހައްދު ފިޔަވައި ކޮންމެ ރިސޯޓެއްގައި ހިމެނޭ އެހެން ސަރަހައްދުތައް ހިމެނެއެވެ. ރިސޯޓްތަކުގެ މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ކޮންމެ ރިސޯޓެއްގައި ކަނޑައަޅާ ސަރަހައްދެއްްގައި މުޒާހަރާ ކުރެވޭނެ ކަމަށް އެ އިސްލާހުގައިވެއެވެ.

މީގެ އިތުރުން ވައިގެ ބަނދަރުތަކާއި ވިޔަފާރި ބަނދަރުތަކަކީ ވެސް މުޒާހަރާ ނުކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމަށް އެ އިސްލާހުގައިވެއެވެ. އެފަދަ ސަރަހައްދުތަކުގެ ގޮތުގައި ދައުލަތުގެ ހިދުމަތްތައް ލިބިދޭ މަރުކަޒުތަކާއި މަރުކަޒުތަކުގެ ފާރުން 100 ފޫޓު ހަމަވާ ސަރަހައްދާއި ޖަލުތަކާއި ޖަލުތަކުގެ ފާރުން 200 އިންވާ ސަރަހައްދުތައް ވެސް ހިމެނެއެވެ.

މި ހުށަހެޅުންތައް ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގައި ތިއްބެވީ ފަސް މެންބަރުންނެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް ކުރީގެ ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން، އޭރުގެ ވެރިކަން ކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައި މިހާތަނަށް ވެސް އަމަލު ކުރަމުންދާ އެ މައްދާ އުވާލަން ހުށަހެޅުއްވީ ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދައިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެކަމަކު ޖާބިރު ހުށަހެޅުއްވި ބިލް ކޮމިޓީގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ބިލް ޖާބިރު ހުށަހެޅުއްވީ ނަވާރަވަނަ މަޖިލިސް މިދިޔަ އަހަރުގެ ޖޫންގައި ފެށި ދުވަސްކޮޅުގައެވެ. އެ މާއްދާ އުވާނުލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮމިޓީގައި ކުރިން އެދިވަޑައިގެންފައިވެސް ވެއެވެ.

އެކަމަކު ދާދި ފަހަކުން ކޮމިޓީގައި މިނިސްޓަރ އިމްރާން އެދިވަޑައިގަތީ ކޮންމެ ވެސް މިންވަރަކަށް އެއްވެ އުޅުން ރެގިއުލޭޓް ކުރެވޭނެ ގޮތަށް އަދި އެ ހައްގު ވެސް ކަށަވަރު ވާނެ ގޮތަކަށް ގާނޫނު އިސްލާހު ކޮށްދިނުމަށެވެ. މިނިސްޓްރީން ބޭނުންވާ އިސްލާހުތަކުގެ ޑްރާފްޓްއެއް ވެސް ކޮމިޓީގައި ހިއްސާ ކުރަން މަޝްވަރާ ކުރެވުނެވެ.