އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަސް މެންބަރުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ މިއަދަށް އެޖެންޑާ ކުރުމަށް ފަހު، އެހެން ދުވަހަކަށް އެ މައްސަލަ އަލުން އެޖެންޑާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދެ ކަމެއް އެޖެންޑާކޮށްފައިވެއެވެ.

އެއީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ އިތުރުން، އޭސީސީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާ ބައްދަލު ކުރެއްވުމަށެވެ.

އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ މުއައްސަސާތަކާ ބައްދަލު ކުރުން ކަމުގައިވާތީ ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި މި ސަރުކާރުގައި ހިންގި ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. ދެ ގަޑިއިރެއްހާ އިރު ވަން ދެން މި ކަން ކުރިއަށް ދިޔައެވެ.

އެޖެންޑާގައި ފުރަތަމަ ހިމެނުނު ބައްދަލުވުން ނިމި، އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލައަށް މަޝްވަރާ ފެށުމުން ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު އުޝާމް ހުށަހެޅުއްވީ ގިނަ މެންބަރުން ތިއްބަވައިގެން ފުޅާ ދާއިރާއެއްގައި އެ މައްސަލައަށް މަޝްވަރާ ކުރައްވަން އެހެން ދުވަހަށް ފަސްކުރުމަށެވެ.

އެހެން ދުވަހަކަށް މި މައްސަލަ އަލުން އެޖެންޑާ ކުރަން ފާސްކުރީ، ކޮމިޓީގައި ތިއްބެވި މެންބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އޭސީސީގެ ފަސް މެންބަރުން ވަކި ކުރަން މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓެ) އެވެ.

މަޖިލީހުގައި މިހާރު އަމަލު ކުރާ އުސޫލަކީ މިނިވަން މުއައްސަސާއެއްގެ މެންބަރަކު ނުވަތަ މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ގެންދަން ފެށުމުގެ ކުރިން މަޖިލީހުގެ ރިޔާސަތަށް އެކަން އަންގަން ޖެހޭނެއެވެ. އަދި އެ އިޖުރާއަތްތައް ކުރިއަށް ގެންދަން ކޮމިޓީއަށް ފެށޭނީ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ ކަން އިއުލާން ކުރެއްވުމުންނެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅީ، ކޮވިޑް-19 ގެ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ނިންމައި އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލާގައި ދައުވާތައް އުފުލޭ މިންވަރަށް އޭސީސީއަށް ހެކި ދެއްކިފައި ނެތް ކަމަށް ޕީޖީ އިން ވިދާޅުވެފައިވަނިކޮށެވެ.

ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ގޮތަށް އެ މިނިސްޓްރީގެ 11 ބޭފުޅަކަށް ދައުވާ ކުރަން އޭސީސީ އިން ފޮނުވިއެވެ. އެކަމަކު ޕީޖީ އިން ނިންމީ ދައުވާ އުފުލޭ ވަރަށް ހެކި ނެތުމުން އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ނުއުފުލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތުނބުޅި

    ވަރަށް ފައްކާ ރޭޒަރެއްް އެބަހުރި މިހާރު ބާޒާރުގަ ލިބެން . އެހެންވެ އަންގާލީ މި . ވ ސަލާން

  2. މާމީ

    މިސަރުކާރަކައް ނުކެރޭނެ ވަކި ކުރާކައް ...

  3. ދުންމާރި

    ވަކިކޮށްފި ނަމަ ސޯލިހުގެ ރީނދޫ ސޯޓު ރަތްކުލަޔަށް ބަދަލުވެ ސޯޓު ނުބައިފުށުން ލާނެ އަދި ފަހުން އެސޯޓު ބޭލާނެ.

  4. އައިޗާ

    ޒީރޯ ޓޮލަރެންސޭ ކިޔައިގެން މިއައިމީހުންނާ ޖެހުނީމަ ވާނީ މެމްބަރުންވެސް ވަކިކުރަން.މިނިވަން މުވައސަސާގަ ތިއްބަސް ޖެހޭނީ މި ކަރަޕްޓް ސަރުކާރު ހިމާޔަތް ކުރަން ތިބެން.ފެންނަ ކަންތައް ނުފެންނަކަމަށް ހެދިގެން ތިބެންވާނީ.ފާޅުގަ ތަންތަން ދިރުވަމުން ދާއިރުވެސް އެތިބެނީނުން.

  5. ޑައެލޯގް

    މުޅިންވެސް ސްޓަންޓު މަކަރާއި ހީލްތެވެ. މާއިންސާފުވެރި ސަރުކާރެއްކަން ދައްކަންކުރާހާ މަސައްކަތެވެ.