ހއ. ކެލާއިން ފެނުނު ދުނިޔޭގައި ވަރަށް މަދުން ފެންނަ ކަނޑޫފާ ގަހަށް ދިވެހި ނަމެއް ދީފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ދިވެހި ބަހުގެ އެކަޑަމީ އިން ވަނީ އެގަހަށް "ކެލަވަކި"ގެ ނަމުން ނަންދީފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ އަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ކެލާގައި ކުރެވުނު ސާވޭއިން މިބާވަތުގެ ހަތަރު ގަހެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

މިގަސް އައިޑެންޑިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯރޑިނޭޓަރ ޑރ. ޔޮންގ އެވެ.

ކަނޑޫއާއިލާއަށް ނިސްބަތްވާ މިގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއެވެ. ނަމަވެސް މިމޭވާ ބޮޑަވަކިއަށްވުރެ ކުރުވެފައި ފަލައެވެ. ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން ރެޑް ލިސްޓްގައި "ކްރިޓިކަލީ އެންޑެންޖަރޑް" ނުވަތަ ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓެގަރީ ލިސްޓްގައި ހިމެނޭ ބާވަތެކެވެ.

މި ބާވަތުގެ ކަނޑޫފަލަކީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާރުން ފެނިފައިވާ ބާވަތެކެވެ. 2010އަކާ ހިސާބަށް ކުރެވުނު ސަރވޭއިން ދައްކާ ގޮތުގައި ދުނިޔޭގައި ހުރީ މިބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ ދަނީ މަދުވަމުންނެވެ. ހއ. ކެލާއިން މި ބާވަތް ފެނުމަކީ އެރަށަށް ލިބޭ އިތުރު ޚާއްސަ ސިފައެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބޫ

    ތީ ކެލައިން ފެނުނު ގަހެއް ވީމަ ދޯ ކެލަ ވަކި ތިކީ. މަނަދޫން ތީގެ ގަހެއް ފެނުނިއްޔާ ކިޔަން ވާނީ މަނިވަކި

  2. ރާއީ

    އަހަރެމެން އަތޮޅުގަވެސް ތިޔަގެގަސް ބައިވަރު ދޭބަލަ ދިރާސާ ކޮއްލަން ، ކޮއްމެހެން ނުޖެހޭނެ ކެލާޔާ ގުޅުވައިގެން ނަންދޭކައް.