ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު މަގާމުން ވަކި ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އެ މައްސަލަ ކަމާ ބެހޭ ކޮމިޓީ، ޖުޑީޝަރީ ކޮމިޓީއަށް ދިރާސާކުރަން ފޮނުވަން ރިޔާސަތުން އިއުލާން ކުރުމެވެ.

މަޖިލީހުގެ ގަވާއިދު މިހާރު ބުނާ ގޮތުން ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމުގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ ކަން އިއުލާން ކުރައްވަން ޖެހޭނެއެވެ.

މި މައްސަލަ ދިރާސާ ކުރުމުގައި ޖުޑިޝަރީ ކޮމިޓީގެ މެންޑޭޓަކީ ފަނޑިޔާރުގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމާއި ފަނޑިޔާރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް އެ އޮންނަ ގާނޫނީ އިޖުރާއަތްތަކަށް ޖޭއެސްސީއިން އަމަލު ކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ.

މެޖިސްޓްރޭޓް އަހްމަދު ޝުކޫރު ވަކި ކުރަން ޖޭއެސްސީ އިން ނިންމާފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ހިނގާފައިވާ ކަން އެ ކޮމިޝަނަށް ފާހަގަކުރެވުމުން ކަމަށް ބުނެއެވެ. އެހެނެކަމުން ފަނޑިޔާރުންގެ ސުލޫކާ އޭނާ ކަނޑައެޅިގެން ހިލާފްވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ގޮތުން މެޖިސްޓްރޭޓް އަޙްމަދު ޝުކޫރުއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ. ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، ހައްޔަރު ކުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލުއާ ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު އިސް މެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދު ކުރާ ކަން ހާމަކޮށް ވާހަކަ ދައްކައި ވޯޓް ހޯދުމަށް މެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަސައްކަތް ކޮށްފައިވާ ކަމާއި، އެ އަހަރުގެ ސެޕްޓެމްބަރު މަހު ގއ. ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، މެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައި ދިނުމަށް އެދިފައިވާކަން ސާބިތުވާ ކަމަށް ބުނެފައިވެއެވެ.

އެ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެ މީހުންގެ ބަންދާ މެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން މެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ޢަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

މެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް އެ ކޮމިޝަނުން ނިންމިއިރު، އިސްމެޖިސްޓްރޭޓް އޭނާގެ އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީ އިން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންސާފް

    ޖޭއެސްސީގެ މެމްބަރުން ވަކީލުކަން ކުރި މައްސަލައެއްގެ ހުކުމާއި ގުޅިގެން މިއަދު ޝުކޫރު ވަކިކުރަން ނިންމެވުމުން ތީ އިންސާފުގެ ބޭރުން ކުރެވޭ ކަމެއްކަން ޔަގީން ވެއްޖެ.. ގއ.ވިލިގިނލީ ކޯޓުގެ މެޖިސްޓްރޭޓް އެނާ އަމިއްލަ ލޯޗި އަކަށް 6 އަހަރު ވަންދެން ކޯޓުގެ ދަތުރުތައް ނުގަވާއިދުމް ދިންކަން ޖޭއެސްސީއަށް ސާބިތު ވިއިރު އަދަބަކަށް އެއްމަހު މުސާރަ ނުލިބޭ ގޮތައް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ސަސްޕެންޑް ކުރީ. މީވެސް މި މިހޫންގެ އިންސާފު. ވަކި މީހަކައް ވަކި ގޮތެއް.

  2. ކާލި

    ސިޔާސީ ފަޑިޔާރުން ކަމަށް ބުނާ މީހުން ވަކިކުރަން ތިބީވެސް ހަމަ ސިޔާސީ މީހުން އެއްތަނެއްގައިތާ މިޖެހުނީ ތީގައި މޮޅުކަމަކަށް ވާނީ ފަޑިޔާރުން ވަކިކުރަން ސިޔާސީ ނޫންބަޔަކު ތިބިނަމަތާ !

  3. އިންސާފު.

    ބައެއްގެ ނިންމުންތައް ރަނގަޅުވުމާއި، ނުވުން ބިނާވަނީ ސިޔާސީ މީހަކަށް ވެގެން ނުވަތަ ނުވެގެނެއް ނޫނެވެ. ނަމަވެސް، އެމީހަކު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ، އިޚްލާޞްތެރިވާ މިންވަރެއްގެ މައްޗަށް. ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަކީ، ކުރަން ހަމަޖެހޭ މުހިއްމު ކަމެކެވެ. ނަމަވެސް ދެރައީ، ފަނޑިޔާރުނަށް ފިޔަވަޅުތައް އަޅަމުންދެވޭއިރު، ފަނޑިޔާރުންގެ ޙައްޤުތައް ހިމާޔަތްކުރަން މަސައްކަތް ނުކުރެވޭތީއެވެ.