މިދިޔަ ދެ މަސްދުވަހު ރާއްޖެ އަށް އެތެރެކުރަން އުޅުނު 1.74 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން މިއަދު ވިދާޅުވީ މިއަހަރުގެ މާރިޗު އަދި އޭޕްރިލް މަހުގެ ތެރޭގައި ހިންގުނު އޮޕަރޭޝަންތަކުގައި ޕޯސްޓް ޕަރސަލްތަކުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 24 ފަހަރެއްގެ މަތިން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

މި އޮޕަރޭޝަންތަކުގައި އަތުލެވުނު މަސްތުވާތަކެތި ބަންދުކޮށްފައިވާ ޕަރސަލްތައް މައިގަނޑުގޮތެއްގައި އައިސްފައިވަނީ ޔޫރަޕްގެ ޤައުމުތައް ކަމަށްވާ އިނގިރޭސިވިލާތް، ގްރީސް، ޖަރުމަންވިލާތް، ބެލްޖިއަމް، ނެދަރލޭންޑްސް އިން ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މިތަކެތީގެ ތެރޭގައި އާންމު ގޮތެއްގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ އެކްސްޓަސީ، ހެރޮއިން، އެމްފެޓަމައިން، މެތަންފެޓަމައިން، މެފެޑްރޯން، މެތްމެތިނޯން ފަދަ ބާވަތްތައް ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

މިކޭސްތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސް އިން ފުލުހުންނާއި ހަވާލުކޮށްފައިވާއިރު، ފުލުހުން މިހާރު އަންނަނީ މިމައްސަލަތައް އިތުރަށް ތަޙްޤީގްކުރަމުންނެވެ.