ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަކީ ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ ތެރެއިން ގައުމަށް ޚިދުމަތް ކުރެއްވުމުގައި ދެވަނައެއް ނުވާފަދަ ދީނީ ޢިލްމުވެރިއެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޑރ. މަޖީދު އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ފޮނުއްވާ ނެރުއްވި ބަޔާނެއްގައި އެ ޕާޓީން ބުނީ ޑރ. މަޖީދަކީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިހުގައި ދަތުރުތައް ކުރައްވައި އިޚްލާސްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވި އަމާނާތްތެރި ތެދުވެރި ބޭފުޅެއްކަމަށެވެ.

"ރާއްޖޭގައި ފުރަތަމަ އުފެއްދި އިސްލާމިކް މިނިސްޓްރީގެ، މިނިސްޓަރުކަމަށް ޖުމްހޫރީ ޕާޓީއަށް ލިބުނު ސްލޮޓުގައި، އަދާލަތު ޕާޓީގެ ފަރާތުން ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ މިނިސްޓަރަކަށް ވެވަޑައިގެން ކޮށްދެއްވާފައިވާ ގިނަގުނަ އަގުހުރި ޚިދުމަތްތަކަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ހަނދާނުން ފޮހެވިގެންނުދާނެ ޚިދުމަތްތަކެއް" ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ވެއެވެ.

ޑރ މަޖީދު ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ އިހްތިރާމާއި ލޯބި ހޯއްދަވައި ރާއްޖޭގެ ފުރަތަމަ ފިގުހު އެކަޑަމީގެ ރައީސްކަން ކުރައްވައި، ރައްޔިތުންނަށް ދީނީ ކަންކަން އޮޅުންފިލުވައިދީ އުނގަންނައިދިނުމުގައި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިކަމަށްވެސް ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހިތާމަވެރި ހިތްދަތި ވަގުތުގައި އެމަނިކުފާނުގެ ލޮބުވެތި އާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރު ކުރެއްވުމަށާއި، މަރްހޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާކަމަށް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑރ. މަޖީދު މި ދުނިޔެއާއި ވަކިވެ އަވަހާރަވުމުގެ ފުން ހިތާމައަކީ މުޅި ގައުމާއި ރައްޔިތުން އަދި ޚާއްސަކޮށް ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އަދާލާތު ޕާޓީގެ މެންބަރުން ނުހަނު ހިތާމަކުރާކަމެއްކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އުމުރުފުޅުން 55 އަހަރުގައި ޑރ.މަޖީދު އަވާހަރަވީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށްދު

    ތިކަންނޭންގޭ މީހަކު އުޅޭތަ؟ ބަޔާންތަށް ނެރުނަސް ވާނެކަމެއްނޯންނާނެ މައްޔިތާޔަށް ހިޔޮ دعاء ކުރުންމުން މައްޔިތާޔަށް ފައިދާކުރާނީ

  2. ނުރަބޯ

    ކިތައްމެ މޮޅުމީހަކަސް އޭނާ އުޅުނީ މިނިސްޓަރު ކަމުގެ ބޭނުމުގައި ލާދީނީ ނަޝީދަށް ވެރިކަން ހޯދައިދެވޭތޯނޫންބާ......؟