އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައި ވަނީ މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ހިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު އެ ބޭފުޅުންގެ ލަފާފުޅާއެކުގައެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސް ސާލިހް އިއުލާނުކުރައްވާފައި ވަނީ އ.ދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި މިދިޔަ އަހަރުގެ ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި އެންވަޔަރަންމަންޓްއިން މިނިސްޓްރީން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލާފައެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަސީލަތަކަށް ހެދުން،" މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް އެކަށައަޅާފައިވެއެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭންގައި ހިމެނޭ ސިޔާސަތުތައް ތަންފީޒުކުރަން ފެށުމުން ރާއްޖެއަށް މިހާރު އެތެރެކުރާ ޕުލާސްޓިކުގެ ބައެއް ބާވަތްތައް އެތެރެކުރުން ހުއްޓާލެވޭނެއެވެ. ހަމައެހެންމެ، ރާއްޖޭގައި ކުނީގެ ގޮތުގައި އުފައްދާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކުގެ މިންވަރު މަދުކޮށް، މި ބާވަތުގެ ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވިގެންދާނެއެވެ. އަދި، މީގެ ސަބަބުން ތިމާވެށްޓާ ރަޙުމަތްތެރި އުފެއްދުންތައް ތަޢާރުފުކުރުމަށާއި ދެމެހެއްޓެވި ވެށްޓެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލލ

    ދެން ބޭނުން ކުރަން މުޑޭޝި އާއި ގޯނި ބޭނުން ކުރާނީ !

  2. ކޮންޑަމް

    ދެން ދޭތެ ރެ ދު ރުކު ރަން ކިހިނެއް ހަދާނީ ؟

  3. ޖުމްހޫރީމޭވާ

    މިމީހާ ވެރިކަން ކުރަނީ ގޭގައި ސްކްރީން ބަހައްޓައިގެން އޮންލައިން ކޮށްނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން މިކަން ކޮޕީކޮށްގެން ވެރިކަން ކުރަމުންދާނީ ރައްޔަތަކަށް ފެނިލުމެއްނެތި، އާޓިފިޝަލް ބަހާރުމޫސެއްގައެވެ.