އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ކަނޑައަޅާފައި މިންވަރަކީ އެކަށީގެންވާ ވަރެއް ނޫން ކަމަށާއި އެ ބަޖެޓުން ގާނޫނީ ޒިންމާތައް އަދާ ކުރުމުގައި ދަތިތައް ދިމާވާނެ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

މި އަންނަ އަހަރަށް އެޗްއާރުސީއެމްއަށް 30.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅަން ފިނޭންސް މިނިސްޓްރީގައި އެދުނެވެ. އެކަމަކު ފިނޭންސްއިން ކަނޑައަޅާފައި ވަނީ 24 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރަށް ކަނޑައެޅި އަދަދަށް ވުރެ ބޮޑު އަދަދެކެވެ. މި އަހަރަށް ކަނޑައެޅީ 21 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ދިރާސާކުރަން އެކުލަވާލާފައިވާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެޗްއާރުސީއެމްގެ މެންބަރު މުއުމިނާ ވަހީދު ވިދާޅުވީ ކޮމިޝަންގެ މުވައްޒަފުންގެ މުސާރައާއި އިދާރީ ހަރަދުތައް ކަނޑައެޅުމަށް ފަހު ބާކީ އޮންނާނީ އެންމެ ފަސް މިލިއަން ރުފިޔާ ކަމަށެވެ.

ޖަލުތަކުގެ މޮނިޓަރިންއާއި އަތޮޅުތެރެއަށް މުޅި އަހަރު ދުވަހު ކުރާ ދަތުރުތަކަށް ދާނެ ހަރަދު އެ މިންވަރުން ދެކޮޅު ޖެއްސުމަކީ ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގާނޫނުގައި ކޮމިޝަންގައި އެކުލަވާލަން އޮންނަ ވިސްލް ބްލޯ ޔުނިޓް ގާއިމް ކުރަން ބޭނުންވާ މުވައްޒަފުން އައްޔަން ކުރަން ވެސް ދަތިވާނެ ކަމަށް މުއުމިނާ ވިދާޅުވިއެވެ.

"ވިސްލް ބްލޯ ޔުނިޓް ގާނޫނުގައި ބުނާ ގޮތަށް ހިންގުމަށް އަށެއްކަ މުވައްޒަފުން ބޭނުންވޭ. އެކަމަކު ބަޖެޓް މެނޭޖް ކުރުމުގެ ގޮތުން ތިން މުވައްޒަފުން ލުމަށް ނިންމީ. އެކަމަކު މިހާރު މި އޮތް ގޮތުން ތިން މުވައްޒަފުން ލެވޭނެ ބަޖެޓްއެއް ނެތް. ގާނޫނީ ޒިންމާ ވެސް އަދާ ކުރަން ދަތިވާނެ މި ވަރުން،" މުއުމިނާ ވިދާޅުވިއެވެ.

އެޗްއާރުސީއެމްގެ މައި އޮފީސް ވެރިރަށް މާލޭގައި ހިންގާއިރު އެ ކޮމިޝަންގެ އޮފީހެއް އައްޑޫގައި ވެސް އޮވެއެވެ. އެ ދެ އޮފީހަކީ ވެސް އެ ކޮމިޝަނުން ކުއްޔަށް ނަގާފައިވާ އަމިއްލަ ފަރާތްތަކުގެ ތަންތަނެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޝަނުން ވަނީ ދައުލަތުގެ ފަރާތުން ކޮމިޝަނަށް އަމިއްލަ އޮފީހެއް ދިނުމަށް ވެސް ވަރަށް ބޮޑަށް އެދިފައެވެ.

މަޖިލީހުގެ ކޮމިޓީގައި ކޮމިޝަނުން ހިއްސާ ކުރި މައުލޫމާތުތަކުގައިވާ ގޮތުން އައްޑޫގައި ހިންގާ އޮފީހަށް ކުލީގެ ގޮތުގައި މަހަކު 18،000 ރުފިޔާ ދައްކައެވެ. މާލޭގައި ހުންނަ އޮފީހަށް ކުލީގެ ގޮތުގައި މަހަކު 144،000 ރުފިޔާ ދައްކައެވެ. މި ދެ އޮފީހުގައި ގާތްގަނޑަކަށް 80 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މާމީ

  ރައީސް އޮފީހުން ބުނާކަން ތައްކުރެވޭނެ.. އެނޫން ކަމެއް ކުރާކައް ނުޖެހޭނެ. ބަރާބަރައް މުސާރަލިބޭނެ.... ކޮންކަހަލަ ޒިއްމާ އެއްއަދާކުރާ ބައެއްތޯތީ؟؟؟؟؟

 2. ހުސޭނުބޭ

  އެހެންވިއްޔާ އަވަހަށް ބަޖެޓް ކާލަ! ޒިންމާ އެއްފަރާތުގައި ބާއްވަ! ........ މަ ހަމަ ޙައިރާން! ކަލޭމެންގެ ކޮން ކަމިޝަނެއްތަ ބޮޑު މުސާރަނަގައިގެން ޒިންމާ އަދާކުރީ!

 3. ޅަބޭ

  ހޫނ.... ކޮމިޝަން އެހެލާފަ ދެން މަހައް ދަގަ. ވަރައް ކޮމިޝަން ހިންގިއްޖެއެއްނު..

  5
  1
 4. ސަންޕަ

  ހިއުމަން ރައިޓްސް ކޮމިނަޝަނެއް އޮންނަނީ ނަމަކަށް އެކަކަށްވެސް ރައިޓެއް ނުލިބޭ . 21 މިލިއަންވެސް އަސްލު ގިނަ

 5. ސުހައިލު

  ތިޔައީ މި ވެރިކަމުގައި މަރާލަފަ އޮތް ކޮމިޝަނެއް ނޫންތޯ؟ ގައިމު ޚަބަރެއްވެސްނުވޭ!