ދީބާޖާ އިންވެސްޓްމަންޓްއާއެކު ދިވެހި ސަރުކާރުން ގާއިމް ކުރި އެއްބަސްވުން ބާތިލް ކުރި މައްސަލައިގައި ޝަރީއަތުގެ ބޭރުން ދީބާޖާއާއެކު ކުރި މަޝްވަރާތަކުގައި ދީބާޖާއަށް ބަދަލުގެ ގޮތުގައި ވަކި މިންވަރެއް ދޭން އެއްބަސްވެ ސެޓަލްމަންޓް އެގްރިމެންޓަކާ ހަމައަށް ދިޔަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ދައުލަތުގެ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކުރި ހުކުމް މި އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފައެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމް ރިވިއު ކުރުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދީބާޖާގެ ފަރާތުން އެ ކުންފުނީގެ ވަކީލުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ނުކުތާއަކީ ޝަރުއީ މަރުހަލާގެ ބޭރުން ދީބާޖާއާއެކު ދައުލަތުގެ އެކި އިދާރާތަކުންނާއި ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ސެޓަލްމަންޓް ކޮމިޓީގެ ބައްދަލުވުންތަކެވެ.

އޮންލައިންކޮށް ކުރިއަށް ދިޔަ އެ އަޑުއެހުމުގައި ދީބާޖާގެ ވަކީލް މުހައްމަދު ހަލީމް ވިދާޅުވީ، ސެޓަލްމަންޓް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތްއާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ރައީސް އޮފީހުގެ ލީގަލް ކައުންސިލްގެ ބޭފުޅުން ވެސް އެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

ދީބާޖާގެ ވަކީލް މުހައްމަދު ފައިސަލް ވެސް ވިދާޅުވީ އެ ބައްދަލުވުންތަކުގައި ދެ ފަރާތުން ކުރި މަޝްވަރާތަކުގެ ތެރޭގައި ދީބާޖާއަށް ބަދަލު ދޭން ޖެހޭ ކަމަށް އެއްބަސްވެ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދިނުމަށް ދެ ފަރާތުން އެއްބަސްވެވުނު ކަމަށެވެ. އެހެންވެއާއެކު މިއީ ސުޕްރީމް ކޯޓުގައި ހިނގަން ޖެހޭ މައްސަލައެއް ނޫން ކަމަށް ވިދާޅުވިއެވެ.

ފައިސަލް އިޝާރާތް ކުރެއްވި ކަމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އުފައްދާފައިވާ ސެޓަލްމެންޓް ކޮމިޓީއާއި ދީބާޖާއެކު ވެފައިވާ އެއްބަސްވުމެވެ. އެ ގޮތަށް އެއްބަސްވެވުނު ކަން ސެޓަލްމަންޓް ކޮމިޓީ އިން ނެރުނު ބަޔާނެއްގައި ވެސް ހާމަކުރިއެވެ. އެ ކަމުގައި ރައީސްގެ ލަފައަކަށް ފޮނުވުމުން ރައީސް އެ ކަމަށް ހުއްދަ ދެއްވި ކަން ރައީސް އޮފީހުން ވެސް ހާމަކުރިއެވެ. އެކަމަކު ފަހުން ނިންމުން ބަދަލުކޮށް ހުކުމް ރިވިއު ކުރަން ހުށަހަޅަން ނިންމީއެވެ.

ދީބާޖާގެ ފަރާތުން މި ނުކުތާ ފާހަގަކުރެއްވުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ އެކި ފޯރަމްތަކުގައި އެޓާނީ ޖެނެރަލް ދައްކަވާފައިވާ ވާހަކަތަކާއި ގެންގުޅުއްވި ގާނޫނީ ސްޓޭންޑްތަކަކީ މި މައްސަލަ ސުޕްރީމް ކޯޓުގައި ނުބެލޭނެ ސަބަބެއް ނޫން ކަމަށެވެ.

ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދައުލަތަށް

ސިވިލް ކޯޓުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށް ހައި ކޯޓުގެ ހުކުމް ބާތިލް ކުރި ހުކުމް ނެރުނު ފަހުން އެ ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ދައުލަތުގެ ފަރާތުން ހުށަހެޅީ ނުވަ މަސް ދުވަސް ފަހުންނެވެ. އަދި އެ ދެމެދު ހިނގައި ދިޔަ މުއްދަތުގައި ދައުލަތާއި ދީބާޖާއާ މެދު މަޝްވަރާތަކެއް ބަދަލުކުރެވި އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރެވިފައިވެއެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ ގުކުމުގައި ބޮޑު ބޭއިންސާފެއް ހިމެނޭ ކަމަށް ބުނެ މާ ފަހުން ދައުލަތުން މައްސަލަ ހުށަހެޅި ސަބަބާއި ގުޅޭ ގޮތުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ސުވާލުކުރެއްވިއެވެ. އަދި ދީބާޖާއަށް ބަދަލު ދޭން އެއްބަސްވުމަކަށް އާދެވުނު ކަމަށް ދީބާޖާއިން ފާހަގަކުރައްވާ ނުކުތާއަކީ ހަގީގަތެއްތޯ ވެސް ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެއްބަސްވުމަކަށް އައުމަށް ސެޓަލްމަންޓް ކޮމިޓީއާއި ދީބާޖާއާއެކު މަޝްވަރާތަކެއް ހިނގި ކަމަށާއި އެ މަޝްވަރާތަކުގެ ތެރޭގައި ސިވިލް ކޯޓުގެ ހުކުމަށް ވުރެ ކުޑަ އަދަދަކަށް ދީބާޖާއިން އެއްބަސްވި ކަމަށެވެ. އެކަމަކު ދެ ފަރާތަށް އެއްބަސްވުމަކަށް އާދެވުނު ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން ސިވިލް ކޯޓުގެ ހުކުމުގައިވާ 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާގެ ކުޑަ އަދަދަކަށް ދީބާޖާއިން އެއްބަސްވުމުން ވެސް ފާހަގަކުރެވޭ އެއް ކަމަކީ ދައުލަތުން ފާހަގަ ކުރި ގޮތުގައި ސިވިލް ކޯޓުގެ ހުކުމް ފުރިހަމަ ނޫން ކަމެވެ. އަދި 348 މިލިއަން ރުފިޔާއަށް ވުރެ މާ ކުޑަ އަދަދަކުން ވެސް ގެއްލުން ފޫބެއްދޭނެ ކަމަށް އެއްބަސްވީ އޭގައި ގޯސްތައް އޮތީމަ ކަމަށް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ދައުލަތުގެ ފަރާތުން ހުކުމް ރިވިއު ކުރަން ހުށަހެޅި މައްސަލައިގައި ގާނޫނާ ހިލާފު ކަމަކާއި ބޭއިންސާފު ހުކުމަކަށް ވާ ގޮތެއް ސާފު ނުވާ ކަމަށް ވިދާޅުވެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ގިނަ ސުވާލުތަކެއް ދައުލަތަށް ކުރެއްވިއެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އިސްތިއުނާފް މަރުހަލާގައި މައުޟޫއަށް ވާހަކަ ދައްކަވަން އެއްވެސް ފުރުސަތެއް ދައުލަތަށް ނުދެއްވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބު ނުބަލައި، އެއީ ވެސް ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މިއަޑުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ މި މައްސަލައިގައި ފަނޑިޔާރުންގެ އިތުރު ސުވާލުތަކެއް އޮވެދާނެ ކަމަށެވެ. އަދި އޮތް ނަމަ އެ ސުވާލުތައް ކުރުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށާއި ސުވާލެއް ނެތް ނަމަ ދެން ބާއްވާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ކޮންމެ އެއްޗެއް ކިޔަސް ރީދޫކުދިންނަށް ބަދަލުދީ ބަޖެޓް ހުސްކުރާނެ މިސަރުކާރުން، އެހެންވެ ސްކޫލުތަކަށް ނާސްތާވެސްދެނީ، އެނާސްތާ ބޭނުންކުރަނީ %5 ކުދިންނެވެ. މިނާސްތާގެވެސް ބޭނުމަކީ ޕާޓީކުދިންނަށް ބައިއެޅުމެވެ. ދުނިޔޭގައި މިފަދަ ނާސްތާދެނީ އަމިއްލަ ހާލައިގެން ކޮޅަށްތެދުވެހުރި ގައުމުގެ ތެރެއިންވެސް މަދު ގައުމެކެވެ.