ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ގެ މެންބަރު ކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ޔައުގޫބްގެ މެންބަރު ކަން ނުގެއްލޭ ކަމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އައްސަދު ޝަރީފެވެ. އެއީ އެކައުންޓެންޓުންގެ އިންސްޓިޓިއުޓްގެ ކައުންސިލްގެ މަގާމަކާ ޔައުގޫބް ހަވާލުވުމުން ހުށަހެޅި މައްސަލައެކެވެ. އެ މަގާމުން ޔައުގޫބް އިސްތިއުފާ ދެއްވާފައިވެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލައިގެ ހުކުމް އިއްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސުއޫދު ވިދާޅުވީ، ރާއްޖޭގައި ހަރަކާތްތެރިވާ ފަންނުވެރި ޖަމާއަތްތަކުގެ ތެރެއިން ބައެއް ޖަމާއަތްތަކަށް ގާނޫނީ ހައިސިއްޔަތުދީ ގާނޫނީ އޮނިގަނޑެއް މަޖިލީހުން ފާސްކޮށްފައިވެއެވެ.

އެކަމަކު އެފަދަ މުއައްސަސާތަކަކީ ދައުލަތުގެ މުއައްސަސާތަކެއް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރާ އިދާރާއެއް ވެސް ނޫން ކަމަށެވެ. އެއީ ދައުލަތުގެ އިދާރާއެއްގެ ބަދަލުގައި އެ ފަންނުގެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުމަށް ގާނޫނީ ހައިސިއްޔަތު ދީފައިވާ މުއައްސަސާތައް ކަމަށް ސުއޫދު ވިދާޅުވިއެވެ.

އެހެންކަމުން ޔައުގޫބް އަދާާ ކުރެއްވި ޗާޓަޑް އެކައުންޓެންޓުންގެ އިސްޓިޓިއުޝަންގެ ކައުންސިލްގައި އަދާ ކުރި ވަޒީފާއަކީ ދައުލަތުގެ ވަޒީފާއެއް ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ސުއޫދު ވިދާޅުވިއެވެ. އެއީ މަނާ ވަޒީފާއެއް ނޫން ކަމަށް ކަނޑައަޅައި ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރަކު ކުރައްވާ މަނާ ކަމެއްގައި ގާނޫނު އަސާސީގައި އެ ކަމެއް ކުރުމަށް އަދަބެއް ކަނޑައަޅާފައި ނުވާނަމަ އެ ކަމަށް ސުޕްރީމް ކޯޓަށް ވެސް އަދަބެއް ކަނޑަނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ކަމެއް ކަނޑައަޅައިފިނަމަ އެ ކަންކަން ވާނީ ގާނޫނު އަސާސީއަށް ކޯޓުން އުނިއިތުރު ގެނައުން ކަމަށް ސުއޫދު ވިދާޅުވިއެވެ.

އެފަދަ ކަންކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކަށް ގާނޫނު އަސާސީ އިން ދޫކޮށްލާފައިވާ ކަންކަން ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ. އެހެންކަމުން މެންބަރު ކަން ގެއްލިއްޖެ ކަމަށް ކަނޑައެޅުމަކީ ގާނޫނު އަސާސީގައި ނެތް ޖަޒާއެއް ކޯޓުން ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޔައުގޫބްގެ މެންބަރު ކަން ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވައި ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ އެ ރައުޔަށް ހުކުމް އިއްވަން ނިންމެވީ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުންގެ ވެސް ތާއީދާއެކު މުޅި ބެންޗުގެ އިއްތިފާގުންނެވެ.

މިއީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ. ޔައުގޫބްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން މިހާތަނަށް މި މަޖިލީހުގައި އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ޝަރީއަތަކުން ކަނޑައަޅާފައެއް ނުވެއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ދޫކުރެއްވި 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅިއެވެ. އެއީ ހައި ކޯޓުން އިއްވި ހުކުމަކަށް ރިއާޔަތްކޮށެވެ. އެކަމަކު ފަހުން ސުޕްރީމް ކޯޓުން ވަނީ އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ.

ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި އެ ގޮނޑިތަކުގެ ބައި އިލެކްޝަން ވެސް ބޭއްވިއެވެ. ބައި އިލެކްޝަންތަކުގައި ގޮނޑީގައި އިންނެވި މެންބަރުން ނާކާމިޔާބުވެ ދައުރު މެދު ތެރެއިން އާ މެންބަރަކު ވެސް އިންތިހާބުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވަޒީރު

    ވަޒީރުކަން ކުރިއަސް އަދަބެއް ނުލިބޭނެ ގާނޫނުގައި ނެތް އަދަބެއް ކަނޑައަޅާފައި އެކަން ކޮށްގެން

    24
  2. ހަރާންކޯރު

    އެހެންވިއްޔާ ދެންބަލަންޖެހޭނީ، ތިބުނާ އިންސްޓިޓިއުޓުގައި ހިމެނޭ އެއްވެސް ފަރާތަކަށް، އަދި ތި އިންސްޓިޓިއުޓު ހިންގުމުގައި، ދައުލަތުގެ މާލިއްޔާއިން ބައިލޯލާރިއެއްވެސް ހޭދަކުރޭތޯއާއި، ދައުލަތުގެ ޒިންމާއޮތީ ހަމައެކަނި މޮނީޓަރިންގެ ބައިގެ ގޮތުގައިތޯ. އަދި މަށަކު ތި ޤާނޫނެއް ނުކިޔަން. އެކަމަކު ދެންތިޖެހުނީ ތި ޤާނޫނެއްކިޔަން. ސްޕްރީމްކޯޓުގެ ތިބި ފަނޑިޔާރުންގެ މިނިވަންކަމާއި އިންޓެގްރިޓީ ޓެސްޓްކޮށްލަން ލިބުނު ފުރުޞަޠެއް ކަމުގައި ދެކެނީ. ބިސްމިﷲ. ޤާނޫނު ކިޔަން ފެށީމި.

    27
    1
  3. އެމަންޖެ

    ތިޔައީ އެމްޑީޕީގެ މީހެއްވީމަ އެހެން މީހެއްނަމަ އިނގުނީސް ތިކަން ވެގެންދާނީ ކިހިނެތްކަން.

    36
    3
  4. ޙހ

    ޢެހެން ވީމާ ތިޔަ ބުނާ ތަނުގަ މަސައްކަތް ކުރައްވާ މީހުންނަށް ސަރުކާރުގެ ފަރާތުން ބަޖެޓް ދީ މުސާރައެއް ދުނެވޭނެ ތިޔަ އޮތީ އެއީ ސަރުކާރުގެ ބަލަދު އަރާ ތަނެެއް ނޫންކަމަށް އެންމެ މަތީ ކޯޓުން ޙުކުމް ކޮށްފަ

    34
  5. ޙަސަނު

    ތިކަން މާ ކުރިންވެސް އެނގޭ ޝައިޠާނީ ބައިގަނޑެއް ނަބިއްޔާއަށް ފުރައްސާރަ ކުރާ ބައެއް

    13
    1
  6. ހަސަނުބެ32323

    މެމްބަރުކަން ގެއްލުނު ނަމަ އެންމެ އަވަހަށް ގެއްލޭނީ ސުއޫދުމެންގެ ވަޒީފާ. މިވާގޮތް ވަރަށް ސާފު. ކޯޓުތަކުގެ މިނިވަންކަމޯ.

    12
  7. ބުތު

    މާކުރީން ވެސްއިގޭ ކަމެއް؟

    11
  8. ޠ

    ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިސްބަތްވާ ޕާޓީގެ މެންބަރުގެ ގޮނޑިނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

    12
    1
  9. ގަމާރު

    ގާނޫނުތަކާއި ގަވާއިދު ތަކާ ހިލާފު ޖަރީމާއެއް މިއަދު އެމްޑީޕީމީހަކު ހިންގިޔަސް އެކަމެއް ވާނީ ބާތިލް މިއީ ހަގީގަތް މި ހުކުމް މިގޮތަށް ސުޕުރިމްކޯޓުން ނެރެންޖެހުނު ހަގީގަތް ބަލަން ޖެހޭނެ މިއީ ރޯމާދުވާލު ހިންގިބޮޑު ޖަރީމާއެއް.

    14
  10. ބަކުރުބެ

    ހެހެހހެ. ފެންނަން ހުރި ކަންކަމުގަ ޙުކުމް ކުރާ ގޮތް . ދެން ލަލަލާ. ކީއްކުރާނީ އިސްފިރިން ކޯޓު ވިއްޔަ .

  11. ޑޮލަރު 19

    މިސަރުކާރުން ކޮ އްފީޔާ ރަގަޅު

  12. ސިއްތި

    ފުރަތަމަ މައްސަލަ ބެލުމުގެކުރިން ބަލަނީ އެއީ ކާކުތޯ ދެން ކުށަށްބަލަނީ އޭގެފަހު ޖަލަށްލާން ބޭނުންނަމަ ޤާނޫނު ބަދަލުކުރުމަށްފަހު ނުވަތަ ފަޑިޔާރު ބަދަލުކޮށްގެންވެސްއެކަންކުރެއި ދޯ