ލ. ކަލައިދޫގައި ގާއިމް ކުރަމުން އަންނަ ޔޫތް ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު ތަރައްގީ ކުރަމުން އަންނަ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތް ކުރިއަށްދާ ގޮތް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ފައިސަލް ނަސީމް އިއްޔެ މެންދުރުފަހު ކަލައިދު އަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ "ޔޫތު ސްކިލް ޑިވެލޮޕްމެންޓް ސެންޓަރު" ގާއިމުކުރުމަށް އެ ރަށުގައި ކަނޑައަޅާފައިވާ ސަރަޙައްދުގެ އިތުރުން، އެ ސެންޓަރާއެކު އެ ރަށުގައި ހަމަޖައްސަންޖެހޭ އެހެން ޚިދުމަތްތަކާއި އިންތިޒާމުތަކަށް އެންމެ އެކަށޭނެކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް ވެސް ޒިޔާރަތްކުރައްވައި އެ ތަންތަން ވެސް ބައްލަވާލައްވައިފައެވެ.

އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ދަޢުލަތުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ކަލައިދޫގައި މަޝްވަރާކުރައްވަމުން ފައިސަލް ނަސީމް ވަނީ، މި ސެންޓަރުގައި ޒުވާނުންނަށް ފޯރުކޮށްދެވޭ ތަރުބިއްޔަތާއި ދަސްކޮށްދެވޭ ހުނަރުތަކަކީ އެ މީހަކަށް އަމިއްލަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދައި، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވެދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

ހަމައެހެންމެ، މުޖަތަމައުގެ ހުރިހާ ފަރުދުންނަކީ، ވަކިން ޚާއްސަކޮށް ޒުވާނުންނަކީ، މުޖުތަމައަށް ފައިދާކުރުވަނިވި ބައެއްގެ ގޮތުގައި ބިނާކުރުމުގައި އެހީތެރިވެދިނުމަކީ މިފަދަ މަޒުކަޒެއް ބިނާކުރުމުގެ އެންމެ މުހިންމު ބޭނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 500 މީހުންގެ ޖާގައިގެ މި މަރުކަޒުގައި ތައުލީމާއި ހުނަރާ އަދި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ރާވާފައިވާއިރު، މި މަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަސީލަތްތައް ވެސް ކަލައިދޫގައި ގާއިމުކުރާނެއެވެ.

އަދި މި މަރުކަޒުގައި ހިންގާ ޕްރޮގްރާމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ނައިބު ރައީސް ކަލައިދުއަށް މިއަދު ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.