އެމްޑީޕީގެ މާލެ އޭރިއާގެ ކޯޑިނޭޓަރު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ، ނައިބު ރައީސް ފައިސަލް ނަސީމަށާއި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖެއްސި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް ތައުރީފް ކުރައްވައިފިއެވެ.

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ކުރައްވާ އަސްލަމެވެ. އެކަން ނައިބު ރައީސް ފައިސަލް ނަސީމަށް ވެސް ރައީސް ވަނީ އަންގަވައިފައެވެ.

މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިބު ރައީސަކީ ރައީސް ސޯލިހަށާއި ރައްޔިތުންނަށް ހިތްހެޔޮ، ތެދުވެރި، އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. ފައިސަލް ގެންދަވަނީ އަމާނާތްތެރިކަމާ އެކު ނައިބު ރައީސް ކަން ކުރެއްވުމުގައި ނަމޫނާ ދައްކަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށްޓަކައި މާރިޔާ ވަނީ ޝުކުރު ވެސް ދަންނަވައި، އެމަނިކުފާނަށް ހެޔޮ އެދިވަޑައިގެންފައެވެ.

ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވާ މާރިޔާ އަސްލަމަށް ތައުރީފްކޮށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަސްލަމަކީ ވަރަށް ތަޖުރިބާ ހުރި، އިތުބާރު ކުރެވޭ ވަރުގަދަ ސިޔާސީ ޝަހްސިއްޔަތެއް ކަމަށެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެއްގެ ހައިސިއްޔަތުން އަސްލަމް ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިއީ އަސްލަމް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާތާ ހަތަރު ވަނަ ދައުރެވެ. ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު ކަން މާރިޔާ ކުރެއްވި އިރު، އޭނާ ވަނީ ފައިސަލް އާއި އަސްލަމްއާ އެކީގައި މަސައްކަތް ކުރައްވައިފައެވެ.

ރައީސް ސޯލިހްގެ ރަނިންމޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރު ފައިސަލް ހަމަޖައްސާފައި ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައެވެ. އެ ފަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އެމްޑީޕީން ވަނީ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމްއާ އެކުގައި ކޯލިޝަނެއް ހަދައިފައެވެ.

ޖޭޕީން ރަނިންމޭޓެއްގެ ގޮތުގައި ބޭފުޅަކު ކަނޑައެޅީ އެ ޕާޓީގެ ކައުންސިލްގައި ނެގި ސިއްރު ވޯޓެއްގައެވެ. ރަނިންމޭޓު ކަމަށް ފައިސަލްއާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.

މިފަހަރު ރައީސްގެ ރަނިންމޭޓަކު ކަނޑައެޅުމަށް ރައީސް ކޯލިޝަންގެ އިސްވެރިންނާއި، އެމްޑީޕީގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެޑްމުންޑޯ

    ގާސިމް ދޫކޮއް ފައިސަލް ސޯލިހު ފަޅިޔަށް ޖެހުނީ ނައިބު ރައީސް ކަން ދިފާއު ކުރަން ، ނަމަވެސް މިދިޔައީ ޗޮކުން ،،،،،

    12
    1
  2. ކާށިދޫ

    ކާށިދޫ ދާއިރާގެ މެންބަރ އަލީ ހުސޭނޭ މީހަކު ބަލިވެ އިނދެފާނެދޯ

  3. އަހްމަދު

    މިކޮންކަހަލަ މާރިޔަލެއްތަ ޝާހިދު ބާކީކޮށްލީތަ އަޅެޝުކުރުގެލިސްޓްގަވެސް ހިމަނާނުލީތަ؟

  4. އަހުމަދު

    ހިފަހެއްޓޭނީ ކިހިނެއް. ބޭރު ބަޔަކަށް ކޮށްދޭ ވެރިކަމެއް ވިއްޔާ

    7
    1
  5. ނަނަނަ

    ފިނދަނަ، ކެންގަރޫ ކޯޓު… އައުޓް..

    9
    0
  6. ރާއްޖެތެރެ

    ގައްދާރުން ވަރައްގިނަ އެމްޑީޕީ ތެރޭ.

  7. ާދަލޭކް

    މާރިޔާމެންވެސް މިގައުމުދޫކޮށް އިގިރޭސިވިލާތައް ޙިޖުރަކުރަން މާގިނަ ދުވަހެއްނެއި ކަންނޭގެ