ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތައް ކެންސަލްކޮށްފި ކަމަށްބުނެ ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލައިޓްތައް ކެންސަލްވި ކަމަށް މީސް މީޑިއާގައި މިހާރު ދައުރުވަމުން ދާ ޕޯސްޓަކީ ރަނގަޅު މަޢުލޫމާތެއް ނޫން ކަން ކަސްޓަމަރުންގެ ސަމާލުކަމަށް ދަންނަވާކަމަށާއި ދަތުރުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ މޯލްޑިވިއަން އިން އެކަން އަންގަމުންދާނެ ކަމަށެވެ.

މީސް މީޑިއާގައި ދައުރުވެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވީއައިއޭގެ ކްލަސްޓާއަކާއި ގުޅިގެން މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ކެންސަލްވެފައިވާކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ގިނަ ބަޔަކު ދާދިފަހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް އެއާލައިނެއްގެ ދަތުރުތަކަށް ބުރޫއެރިކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވިއަނުން އަންނަނީ މާލެ އާއިއެކު ރާއްޖޭގެ 15 ސަރަހައްދަކަށް ދަތުރުތައް ކުރަމުންނެވެ. މިމަހުގެ 26 ގައި ހޯރަފުށި އެއަރޕޯޓަށް ދަތުރުތައް ފެށުމުން މޯލްޑިވިއަން އިން ދަތުރު ކުރަމުންދާ މަންޒިލްތަކުގެ އަދަދު 16 އަށް އިތުރުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު