އަންނަ އަހަރަށް ލަފާ ކުރާ 34.9 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަށް ހަރަދު ކުރުމަށް އާމްދަނީ ލިބި ފައިސާ ހަމަޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިޔަސް އެ ކަން ގަބޫލު ކުރެވެން ނެތް ކަމަށް ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ދިރާސާކޮށް މަޖިލީހުގެ ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމާއި އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެގެން ދާނެ މިންވަރު އެއީ ޔަގީން ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.

ކޮވިޑް-19 ގެ ރޯގާއަށް އަންނަ އަހަރު ވެކްސިނެއް ހަމަޖެހޭނެ ކަމުގެ އުއްމީދީ ވާހަކަތަކެއް ދެކެވުނު ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެ ހާލަތުގައި ތިބެ ބަޖެޓަށް ފައިސާ ލިބޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިޔަސް އެ ކަން ގަބޫލު ކުރެވެން ނެތް ކަމަށް އަފީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް ގަބޫލު ކުރެވޭކަށް ނެތް ފިނޭންސް މިނިސްޓަރު ހަމަ ފައިސާ ލިބޭނޭ ވިދާޅުވީމަ ލިބޭނެ ކަމަށް. އެ ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް އބަ ޖެހޭ އެނގެން. އެ ލިބޭނީ ކޮންތާކުން ކިހިނެއްތޯ ހޯދަނީ. ދެން ވިދާޅުވަނީ ބޮންޑް ސްކޫކް އިޝޫކޮށްގެން ލިބޭނެ ކަމަށް. މި އަހަރު ފެށުނީއްސުރެން އިއްޒަތްތެރި މިނިސްޓަރު އުޅުއްވަނީ ބޮޮންޑް ސްކޫކް އިޝޫ ކުރައްވަން، މިއަދަކާ ހަމައަކަށް އެ ކަމެއް ނުވޭ،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ބަޖެޓްގައި އަދަދުތަކެއް ލިޔެގެން ރައްޔިތުންނަށް އުއްމީދުތަކެއް ދެވިދާނެ ކަމަށެވެ. އެކަމަކު ބަޖެޓްގައިވާ ކަންކަން ތަންފީޒު ނުކުރެވުމުން ރައްޔިތުންނަށް ދެން އަންނަ މާޔޫސްކަން ބޮޑު ކަމަށް އަފީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަހަރު

    މިމީހުން އިމްރާނަށް، ބަޖެޓަށް ރުހި ވޯޓްދިނުމުން ސާބިތުވެއްޖެ ރައްޔިތުންނަށް ހެޔޮނޭދޭވަރު އަންނި ބުނެފިއްޔަ ކޮންމެފަދަކަމެއްވެސް ކޮށްފާނެ މީ އެމްޑީޕީގެ ކަންއޮތަގޮތަ

    7
    1
  2. ނިޔާޒު

    ޢަފީފު މެން ބޭނުން ވާގޮތް ނުވެދާނެ، އަމީރަކީ އެބޭފުޅާގެ މަސްއޫލިއްޔަތު އެނގިގެން ހުންނެވި ބޭފުޅެއް. ޢަފީފު އާއި ދެންތިބި މީހުން ގެ ޙަސަދަ އާއި ބަލާ ވަރަށް ބޮޑުވެއްޖެ...ކިހިނެއް ކިޔަވައިގެން ހުންނަމީހާ މަގްބޫލް ކަން ހޯދަފާނެތީ އެއްޗެއްނޭނގޭ މީހުން ފޮނުއަރުވަނީ!