ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލިޑަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެތި އޭނާ ސިސްޓަމުން ވޯޓު ދެއްވި ކަމަށް ބުނާ މައްސަލާގައި ނާޒިމް ޖަވާބުދާރީވެއްޖެ އެވެ.

ނޮވެމްބަރު 23 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ ޔުޓިލިޓީ އޮތޯރިޓީގެ ބިލް ދިރާސާކޮށް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓަށް އެންމެ ފުރަތަމަ ވޯޓަށް އެހިއިރު އެ ވޯޓަށް ނާޒިމް ވޯޓު ދެއްވާފައިވެއެވެ. އެކަމާއި ގުޅޭގޮތުން ސުވާލު އުފެދިފައި ވަނީ އޭނާ މަޖިލީސްގައި އެވަގުތު ފެންނަން ނެތުމުންނެވެ.

ނާޒިމްގެ ސިސްޓަމް އިން ވޯޓު ދެއްވާފައިވާތަން ފެނުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު ވިދާޅުވީ "ދެންމެ ނެގުނު ވޯޓް ބާތިލް" ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ "މަޖިލީހުގެ ތަޅުމުގައި ހާޒިރުވެވަޑައިގެން ނެތް އިއްޒަތްތެރި މެންބަރެއްގެ ސިސްޓަމް އިން ވޯޓު ދެއްވާފައިވާތީ" ކަމަށެވެ. ފަހުން އެއީ މެންބަރު ނާޒިމްގެ ސިސްޓަމް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލާގައި މަޖިލީހުން ނާޒިމް އާ ސުވާލު ކުރެއްވުމުން، އެ ދުވަހު ނާޒިމް ވަޑައިގެންނެވީ ވޯޓު ދެއްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ނާޒިމް ވޯޓު ދެއްވާފައި ވަޑައިގެންނެވިކަމެއް ރިޔާސަތަށްވެސް އަދި އިދާރީ މޭޒަށްވެސް ފާހަގަނުވީ އެވެ.

ރައީސް ނަޝީދު އެ ދުވަހު ހިނގާދިޔަ ކަންކަން ބަލާނެ ކަންވެސް ނުވަތަ ނޫންކަންވެސް ހާމަކޮށްފައެއް ނުވެއެވެ.