ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ތުރުކީގެ ގަދަބާރު އިސްތާންބުލް ބަޝަކްޝަހިރްގެ ކުރިމަތިލުމުގައި މެޗުގެ 4 ވަނަ ރެފްރީ ނަސްލީ ގޮތުން ބަޝަކްޝަހިރްގެ އޮފިޝަލަކަށް ފުރައްސާރަ ކުރުމުން މެޗު ފަސްކޮށް މިރޭ މެޗުގެ ބާކީބައި ކުޅުމަށް ނިންމައިފިއެވެ.

މިމައްސަލަ ކުރިމަތިވީ ފުރަތމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެޗުގެ 4 ވަނަ ރެފްރީ ސެބަސްޓަން ކޮލްޓެސްކޫ ނަސްލީގޮތުން ފުރައްސާރަ ކޮށްފައިވަނީ ބަޝަކްޝަހިރްގެ އެސިސްޓަންޓް ކޯޗް ކެމެރޫންގެ ޕިއެރޭ ވެބޯއަށެވެ. އަދި މިދެފަރާތުގެ ކުރިމަތި ލުމުގަ ރެފްރީ ވަނީ ވެބޯއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިއާއެކު ބަޝަކްޝަހިރުގެ ކުޅުންތެރިންވަނީ ދަނޑުން ފައިބާފައެވެ. އަދި ކަންވީގޮތް އިނގުމާއެކު ޕީއެސްޖީގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ ދަނޑު ދޫކޮށް ފައިބާފައެވެ.

މިމައްސަލަ އާއި ގުޅިގެން ޔުއެފާއިން ވަނީ ރަސްމީ ބަޔާނެއްވެސް ނެރެފައެވެ. އެއިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެޓީމާއިވެސް މަޝްވަރޡާ ކުރެވިފައިވާ ކަމަށާއި މެޗުގެ ބާކީ ބައި މިރޭ ކުޅެން އެއްބަސްވެވިފައިވާ ކަމަށެވެ. އެހެންނަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރާނެ ކަމަށާއި ކުށްވެރިވާ ފަރާތަކަށް ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނޭގޮތުން ސެބަސްޓަން ވަނީ ބަޝަކްޝަހިރްގެ ޑެމްބާ ބާ އާއި ދިމާލަށް "ކަޅު" މީހާގެ ނަމުން މުހާތަބުވެސް ކޮށްފައެވެ. މިއަޑު ޕީއެސްޖީގެ ޑިފެންޑަރު ކިމްޕެމްބޭއަށް އިވުމާއިއެކު އޭނާވަނީ ޓީމުގެ ސަމާލުކަމަށް މިކަން ގެނެސް ދަނޑުން ފައިބަން ޖެހޭކަމަށް ބުނެ އަޑު އުފުލާފައެވެ.

ޔޫއެފާއިން ހާމަކޮށްފައިވާ ގޮތުގައި މިރޭ މިމެޗު އަލުން ކުޅެވޭއިރު މެޗުގެ ހުރިހާ ރެފްރީންނެއް ބަދަލުކުރާނެ ކަމަށެވެ. މީގެއިތުރުން ތުރުކީގެ ރައީސް ރަޖީބް ތައްޔިބް އުރުދުޣާން ވަނީ ބަޝަކްޝަހިރްގެ ދިފާއުގައި ބަސްބުނެފައެވެ. އެމަނިކުފާނުގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކުޅިވަރުގައިވެސް އަދި ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ނަސްލީ ތަފާތުކުރުމާއި ދެކޮޅު ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލް ކުރައްވާ ގޮތުގައި ޔުއެފާ އިން މިކަން ތަހުގީގުކޮށް އެންމެ އެކަށީީގެންވާ ފިޔަވަޅު އަޅާނެކަން ގަބޫލް ކުރައްވާކަމަށްވެސް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

މިގުރޫޕުގެ ފުރަތަމަ މެޗުގައި އާރްބީ ލިޕްޒިގުން ވަނީ ވަރުގަދަ މެންޗަސްޓަރ ޔުނައިޓެޑް ބަލިކޮށް އެޓީމު މުބާރާތުން ކަޓުވާލާފައެވެ. މިރޭގެ މެޗުން ޕީއެސްޖީއިން ކޮންމެ ނަތީޖާއެއް ނެރުނު ނަމަވެސް އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެއެވެ. މެޗުން މޮޅުވެއްޖެ ނަމަ ގްރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމު ދެވަނަ ބުރަށް ދަތުރުކުރާނެއެވެ.

ނަސްލީ ތަފާތުކުރުމުގެ މައްސަލަ އަކާއި ގުޅިގެން ޕީއެސްޖީ އާއި އިސްތާންބުލްގެ މެޗް ފަސްކޮށްފި