ރާއްޖޭގައި ފުޅާދާއިރާއެއްގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިން އެއް ކޮލެޖްކަަށްވާ އެވިޑް ކޮލެޖުން، ބުރުނާއީގެ ސުލްތާން ޝާރިފް އަލީ އިސްލާމިކް ޔުނިވާސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ބްރޫނީއީގެ ދެވަނަ ގައުމީ ޔުނިވާސިޓީ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި އެވިޑް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ. ސުލްތާން ޝާރިފް އަލީ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ރެކްޓާ ޑރ،. ހާޖީ ނަރުފާން ބިން ހާޖީ ޒައިނަލް އެވެ.

އެވިޑް ކޮލެޖުގެ ބިޒްނަސް ޑިވެލޮޕްމަންޓްގެ އެގްޒެކިއުޓިވް ޑިރެކްޓަރު އަލީ ރަޝީދު ވިދާޅުވީ، މިއަދު އެ ޔުނިވާސިޓީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ސްޓުޑެންޓް އެންޑް ސްޓާފް އެކްސްޗޭންޖިންގ ޕްރޮގްރާމާއި، ދެ ފަރާތް ގުޅިގެން ދިރާސާތައް ހެެދުމާއި، ކޮންފެރެންސް ބޭއްވުމާއި، ވޯކްޝޮޕް އާއި ސްޓްރީމިންގ ފަދަ ކަންކަމާއި އެކަޑަމިކް ޕްރޮގްރާމްތައް ދެފަރާތް ގުޅިގެން އުފެއްދުން ކަމަށެވެ.

"ފުރަަތަމަ އަޅުގަނޑުމެން އިސްކަމެއް ދީގެން މިހާރުން މިހާރަށް ފަށަން މި ބޭނުންވަނީ ރީސާޗްގެ މަސައްކަތް ކުރުން، މި އެއްބަސްވުމުގައި ވާގޮތުން އެ ޔުނިވާސިޓީގެ ޕްރޮފެސަރުންވެސް އެވިޑް ކޮލެޖަށް އައިސް ކުރުމުއްދަތެއްގެ ތެރޭގައި މަސައްކަތްކޮށް، އެވިޑް ކޮލެޖްގެ ސްޓާފުންނަށް ތަމްރީނުދީ، ރިސާޗް ހަދަން ދަސްކޮށްދިނުން ފަދަ ކަންކަން ކުރާނެ".އަލީ ރަޝީދު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، އެ ޔުނިވާސިޓީން ހިންގާ ރީސާޗް މެގެޒިންގައި، އެވިޑް ކޮލެޖްގެ ލެކްޗަރާއިންގެ ރީސާޗްތައް ޕަބްލިޝް ކުރުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މިއީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.