ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމައި، އެތަނުގެ ތަޅުދަނޑި ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން އެތަން މަރާމާތް ކުރަން ހަވާލުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އެވެ. އަދި ސަރުކާރުގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލުއެވެ.

އެ ޕްރޮޖެކްޓަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދިޔަ މަސައްކަތެކެވެ.

ފޮރިން މިނިސްޓްރީ އިން މީގެ ކުރިން ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން މިނިސްޓްރީ އަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ. އަދި އެކަމުގެ ސަބަބުން މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ވެގެންދާނެއެވެ.