ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާލިބުނު ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މޫނު ނިވާކޮށްގެން ތިބި މީހުން ހިމެނޭ ގްރޫޕަކުން އަނަސް މަރާކީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ޖުވެނައިލް ކޯޓުން މިއަދު ކުރި ޙުކުމަކާއިއެކު ސަލާމަތްވެފައި ވަނީ އޭރު 17 އަހަރުގެ ކުއްޖެކެވެ. ނަމަވެސް މިހާރު އޭނާ އަށް ވަނީ 20 އަހަރު ފުރިފައެވެ.

ދައުލަތުގެ ފަރާތުން މި މައްސަލަ ސާބިތުކުރުމަށް ހަތަރު ހެކިން ހުށަހެޅި ކަމަށާއި ނަމަވެސް އަނަސްއަށް ހަމަލާދިން މީހުން މޫނު ނިވާކޮށްގެން ތިބުމުން އެއީ ކޮން ބައެއްކަން ބުނަން ނޭނގޭ ކަމަށް އެ ހެކިވެރިން ބުނެފައިވާ ކަމަށް ޖުވެނައިލް ކޯޓުގެ ޙުކުމުގައި ވެއެވެ. އެހެންކަމުން އެ ހާދިސާ ހިނގި ވަގުތު، އެ ހާދިސާ ހިނގި ތަނުގައި އެކުއްޖާ ހުރިކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުންނާއި ގަރީނާތަކުން ސާބިތުވެފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.

ދިފާއީ ހެކިންގެ ހެކި ބަހުން ހާދިސާ ހިނގި ވަގުތު، ހާދިސާ ހިނގި ތަން ނޫން އެކި ތަންތަނުގައި އެކުއްޖާ އުޅެފައިވާކަން ސާބިތުވެފައިވާކަމަށް ވެސް ޖުވެނައިލް ކޯޓުގެ ޙުކުމުގައި ވެއެވެ. އެގޮތުން ދިފާއުން ވަނީ ތިން ހެކިވެރިން ހުށަހަޅައިފައެވެ.

"ހާދިސާ ހިނގި ދުވަހުގެ ހެނދުނު 10:00 ހާއިރު ދައުވާ ލިބޭ ކުއްޖާގެ ގެއަށް ދިޔައިން. އެގެއިން ނުކުމެގެން ދިޔައީ ސައިކަލު ދުއްވަން. ސައިކަލު ދުއްވައި ނިންމުމަށްފަހު ދިޔައީ ހުޅުމާލެ ބާބަކިއު ޕޮއިންޓަށް. އެތަނުގައި ތިބެފައި އެ ރޭ 10:00 ހާއިރު ދައުވާ ލިބޭ ކުއްޖާގެ ގެއަށް ގޮސް ކެއީ. ދަންވަރު 2 ޖަހަންދެން ތިބީ ޕްލޭސްޓޭޝަން ގޭމް ކުޅެން. އެއިން އެއްވެސް ވަގުތަކު ލޯމަތިން ދައުވާ ލިބޭ ކުއްޖާ ގެއްލިފައެއް ނުވޭ،" ދިފާއީ ހެކިން ކޯޓަށް ދީފައިވާ ހެކިބަހުގައި ބުނެފައިވާ ކަމަށް ހުކުމުގައިވެއެވެ.

ވީޑިއޯ އެނަލިސިސް ރިޕޯޓުގައި، އަނަސްއަށް ހަމަލާދިން މީހަކާ އެ ކުއްޖާއާ އެއްގޮތް ސިފަތަކެއް ހުރި ކަމަށް ބުނެފައި ވިޔަސް، އެއީ އާންމު ތިން ސިފައެއް ކަމަށްވާތީ އެހެން މީހަކާ ވެސް އެ ސިފަތައް ދިމާވެދާނެ ކަމަށް ޖުވެނައިލް ކޯޓުގެ ޙުކުމުގައި ވެއެވެ. އެހެންކަމުން އަނަސްއަށް ހަމަލާދިން މީހުންގެ ތެރޭގައި ދައުވާލިބުނު ކުއްޖާ ހުރި ކަމާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައި ވަނީ ފާހަގަ ކޮށްފައެވެ.

އަނަސް މަރާލި މައްސަލައިގައި ކުޑަކުއްޖާގެ އިތުރުން ހަތް މީހަކަށް ދައުވާ އުފުލާފައިވެއެވެ. އެމީހުން ޝަރީޢަތް ކުރިއަށް ދަނީ ކްރިމިނަލް ކޯޓުގައެވެ.

އެ މައްސަލައިގައި ދައުވާކުރި މީހުން:

 • ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
 • ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވި
 • ސިމާހު މޫސާ، ދަފްތަރު 1746
 • އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ
 • އުސްމާން ޝަރީފް، މ. ދިމިޝްގް
 • އަފްރާހް އަބްދުއް ރައްޒާގު، މ. ލޮނުމިދިލިގޭ

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތް ތަފާތު ސަބަބުތަކާއި ހުރެ ލަސްވެ، އަދިވެސް ޙުކުމް ކުރުމާއި ގާތަކަށް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތުންފުހި

  ތި ހުރިހާ ޖަނަވާރުންތައް ތިހެން ކިޔާފަ ދޫކޮށްލާ! ބޮޑު ކަމެއް މީ!

  11
 2. މުހައްމަދު

  ދުވަހެއް އޮތްކަން ނޭނގޭހޭ މަރުވާނޭކަން ވިސްނޭހޭ..
  މަރާލެވުނު މީހާގެ އަތުގައި މަރާލުމުގައި ބައިވެރިވި މީހުންގެ ބޯ ހިފައިގެން މަހުޝަރުގެ މައިދާނައް ހިފައިގެން އަންނާނެއެވެ.

 3. ނަން

  ކިހިނެއް ހަދައިގެންބާ މިފަދަ ޤާތިލުންނަށް ހައްގު އަދަބު ލިބޭނީ؟ ދުނިޔޭގެ އެހެންތަންތާގައިވެސް މަރާލަން ނިޔަށް ގަތަސް ސަލާމަތެއްނުވޭ. މިތާގައި މަރާލަން އިންޒާރުދިނަސް އެމާބޮޑުކަމަކަށްނުވޭ! މިރާއްޖެ ނޫނީ މީހުން މަރާލައިފަ މިނިވަންކޮށް އުޅޭ އެވެސްތަނެއް ނެތް! އެންމެ ދުވަހަށްވެސް ޖަލުގައި އޮތް މީހާ އޮތީ 15 ވަރަކަށް އަހަރަށް. އެއީ އަޒުލީނާ މަރާލި މީހާ. އެނޫނީ ވަކިހިސާބަކުން އެންމެންވެސް މިނިވަން. ޢަހަރެމެން ކޮޕީކުރާ ހުޅަގުގެ ގައުމުތަކުހައި ލާހިކައެއްނޫން އުމުރު ބާކީއޮތްބައި ދެން މިނިވަންވެގެން އުޅޭކަށް. ހުރިހާވެސް ދެރައެއް މަރުވައިލާގެ މައްޗައް.

  9
  1
 4. އިމް

  ޔާﷲ