ދެހާސްސަތާރަ ވަނަ އަހަރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް އަލީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި ނަންނާރިގެ ޖުނައިހް އަބްދުﷲ އަށް ބޭނުންވާ ސިއްޚީ ފަރުވާ ހަމަނުޖެހޭނަމަ ބަންދުން ދޫކޮށްލާނެ ކަމަށް ޝަރީއަތުން އަންގަވައިފިއެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޖުނައިހް ވަނީ އޭނާގެ ލޮލަށް ދިމާވެފައިވާ ސިއްޚީ މައްސަލަތަކާ ގުޅިގެން ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދިފައެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ރާއްޖޭން ބޭރަށް ފުރަން ޑޮކްޓަރުން ލަފާ ދީފައިވެއެވެ.

ނަމަވެސް މެޑިކަލް ބޯޑުގެ ކޯރަމް ހަމަނުވެގެން އޭނާ ފުރުމުގެ ހުއްދަ ލިބިފައެއް ނުވެއެވެ. ޝަރީއަތުގައި އެ ހުއްދަ ދޭން ޖުނައިހްގެ ވަކީލުން އެދިވަޑައިގަތީ ވެސް އެހެންވެގެންނެވެ. މިއަދުގެ އަޑުއެހުމާ ހަމައަށް ވެސް ދައުލަތަށް އެ ކަމުގައި ގޮތެއް ނިމިފައެއް ނުވެއެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، އެ ކަމާ މެދު ގޮތެއް ނިންމަން ދައުލަތަށް އެއް ހަފުތާގެ މުއްދަތެއް ދެއްވާނެ ކަމަށެވެ. އެކަމަކު އެ މުއްދަތުގައި ގޮތެއް ކަނޑަނޭޅިއްޖެނަމަ، ޖުނައިހު ބަންދުން ދޫކޮށްލައި ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމުގެ އަމުރެއް ނެރެން ޖެހިދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އަނަސް މަރާލި މައްސަލައިގައި ހަތް މީހުންގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އެއީ ޖުނައިހްގެ އިތުރުން، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަންބަރު 1746 ސިމާހް މޫސާ، ޅ. ކުރެންދޫ އަސުރުމާގެ އަހްމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް، މ. ލޮނުމިދިގިލި އަފްރާހް އަބްދުލްރައްޒާގް، ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްއެވެ.

މި މައްސަލައިގެ ޝަރީއަތް ގޮސްފައިވާ ހިސާބަކީ ހެކި ނެގުމުގެ މަރުހަލާއާ ހަމައަށެވެ. އެ ކަމަށް ޓަކައި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހަށް ދިގު އަޑުއެހުމެއް ތާވަލުކުރަން ނިންމާފައިވެއެވެ. މުޅި އެ ދުވަހު ނެގެން އޮތް ވަރަކަށް ހެކިބަސް ނަގައި ނިންމުމަށެވެ. އެ ކަމަށް ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުން ވެސް އިއުތިރާޒެއް ނުކުރައްވައެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ހެކިބަސް ދޭން އުޒުރުވެރިވުމުން އެ ހެކިންގެ ހެކިބަސް ނުނަގަން ދައުލަތުން ނިންމާފައިވެއެވެ. ދައުލަތުން ދެކެނީ ސީސީޓީވީ ފުޓޭޖްއާއި، އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކުރި މަރުގެ ރިޕޯޓްއާއި، މެޑިކޯ ލީގަލް ރިޕޯޓްއާއި، އެ ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރުގެ ހެކިބަހާއި، ޑީއެންއާރުގެ ފަރާތުން ތައްޔާރު ކުރި މަރު ސާބިތު ރިޕޯޓުން ވެސް މައްސަލަ ސާބިތު ކުރެވިދާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާ

    އާ ގާތިލް އަވަހަށް ބޭރު ކޮށްލާ އޭރަށްތާ އަނެއްކަވެސް ވައްތަރުވެގެން އަނެއް މީހާ މަރާލާނީ

  2. ޖިބުރާ

    ހުކުމްކުރާއިރު ރެހެނދީފުލެޓަކާއި 10މިލިއަން ރުފިޔާއާއި ޑިޕްލޮމެޓިކްޕާސްޕޯޓަކާއި ނިސާން އިއްޒަތުގެ ލަގަބާއި ހިލޭބޭސްފަރުވާ ދޭންޖެހޭނެ ތިޔައީ މިގައުމުގެ ލީޑަރުން މީހަކުމަރާފިނަމަ އެމީހަކީ ދައުލަތުގެ އިއްޒަތްތެރިންނަށް ވަނީ ވެފަ! ހުކުމް ކުރާއިރު ﷲއަށް ބިރުވެތިވުމުގެ ކަންފުޅެއްވެސް ނެތް!