ދެހާސްސަތާރަ ވަނަ އަހަރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް އަލީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި ނަންނާރިގެ ޖުނައިހް އަބްދުﷲ ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް މިއަދުގެ ޝަރީއަތުގައި އެދިއްޖެއެވެ.

އަނަސް މަރާލި މައްސަލައިގައި ހަތް މީހުންގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އެއީ ޖުނައިހްގެ އިތުރުން، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަންބަރު 1746 ސިމާހް މޫސާ، ޅ. ކުރެންދޫ އަސުރުމާގެ އަހްމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް، މ. ލޮނުމިދިގިލި އަފްރާހް އަބްދުލްރައްޒާގް، ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްއެވެ.

މިއަދުގެ އަޑުއެހުމުގައި ޖުނައިހަށް ވާހަކަ ދައްކަން ދިން ފުރުސަތުގައި އޭނާ ވަނީ އޭނާގެ ލޮލަށް ދިމާވެފައިވާ ސިއްޚީ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައިފައެވެ. އެ ކަމަށް ފަރުވާ ހޯދޭނީ ރާއްޖޭން ބޭރުން ކަމާއި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ފުރަން ޑޮކްޓަރުން އަންގާފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ.

މި މައްސަލާ މިހާރު ހަވާލުވެވަޑައިގަތް ގާޒީ އަލީ ނަދީމް ވިދާޅުވީ، މިއަދު ބާއްވާ އަޑުއެހުމަކީ އާ ގާޒީއަކު މައްސަލައާ ހަވާލުވުމުން ދެން މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅަން ބޭއްވި އިދާރީ އަޑުއެހުމެއް ކަމަށެވެ. ބަންދާ މެދު ގޮތެއް ނިންމޭނީ ބަންދު މުރާޖައާއަށް ހުށަހެޅުމުން ބާއްވާ ބަންދު މުރާޖައާގެ އަޑުއެހުމެއްގައި ކަމަށް ގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން، ޖުނައިހްގެ ސިއްޚީ ލިޔެކިއުންތައް ކަރެކްޝަންސްގައި ހުރި ކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވުމުން، މައްސަލަ ބައްލަވާ ގާޒީ ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ލިޔެކިއުންތައް ކޯޓަށާއި ޚިއްސާ ކޮށްދިނުމަށް އެދިފައެވެ. އަދި ވީހާވެސް އަވަހަށް އެ ކަން ކުރަން ގާޒީ އިލްތިމާސް ކުރެއްވިއެވެ.

މައްސަލަ އޮތް ހިސާބު ސާފު ކުރެއްވުމަށްފަހު، ދެން ޝަރީއަތުގެ އަޑުއެހުމެއް ބާއްވަނީ އަންނަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ހެނދުނު 9:00 ޖަހާއިރު ކަން ގާޒީ އިއުލާން ކުރެއްވިއެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ދިފާއީ ހެކި ހުށަހެޅުމެވެ. މުޅި އެ ދުވަހު ހުރިހާ ހެއްކެއް ނަގަން މަސައްކަތް ކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ހެކިބަސް ދޭން އުޒުރުވެރިވުމުން އެ ހެކިންގެ ހެކިބަސް ނުނަގަން ދައުލަތުން ނިންމާފައިވެއެވެ. ދައުލަތުން ދެކެނީ ސީސީޓީވީ ފުޓޭޖްއާއި، އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކުރި މަރުގެ ރިޕޯޓްއާއި، މެޑިކޯ ލީގަލް ރިޕޯޓްއާއި، އެ ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރުގެ ހެކިބަހާއި، ޑީއެންއާރުގެ ފަރާތުން ތައްޔާރު ކުރި މަރު ސާބިތު ރިޕޯޓުން ވެސް މައްސަލަ ސާބިތު ކުރެވިދާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯ

    ދީގެން ނުވާނެ...

  2. ސޮއްބެ

    އަހަރެންގެ 6 އަހަރުގެ ދަރި ބަލިވެގެން އާސަންދަ ހޯދަން ދިޔާމަ ބުނީ، ރާއްޖޭގައި ހުރިހާ ބަލިތަކެއްގެ ސުޕާރ ޑުޕާރ ސްޕެޝަލިސްޓުން އުޅޭނެޔޭ ރާއްޖެއިން ބޭރަކަށް އެއްވެސް ދިވެއްސަކު ދާކަށް ނުޖެހޭނެޔޭ... އެހެންވެ ޖުނެއިދު ކައިރީ ބުނޭ ދާށޭ އައިޖީއެމްއެޗަށް

  3. ާއަނަސް

    ނުވާނެ ތިކަމެއް