ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ވަކީލާއި ބައްދަލު ކުރަން ފުރުސަތު ލިބިފައި ނުވުމުން އޭނާގެ މައްޗަށް ކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާތަކުގެ މިއަދަށް ތާވަލު ކުރި މައްސަލަތައް ފަސް ކޮށްފިއެވެ.

ޓޫރިޒަމް ތަރައްގީ ކުރުމަށް ރަށްތަކެއް ދޫކޮށްފައިވާ ކަމަށް ބުނެ އަދީބުގެ މައްޗަށް ކޮށްފައިވާ މި ދައުވާތަކުގެ އަޑުއެހުން ތާވަލު ކުރީ މިއަދު ހެނދުނު 11:00 އަށެވެ. މިއަދު އޭނާގެ 10 މައްސަލަ ވަނީ ތާވަލު ކޮށްފައެވެ. މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ އިބްތިދާއީ މަރުހަލާގެ އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އަދީބާއެކު ވަކީލު ބައްދަލުވުމެއް ނުބޭއްވޭތާ 25 ދުވަސް ވެފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ ތިން ވަނަ ދުވަހު އަދީބު މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލު ކުރި އިރު މި މަހުގެ އަށް ވަނަ ދުވަހުގެ ފަހުން އޭނާއާއި ބައްދަލު ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އަދީބާއި މެދު ކަރެކްޝަންސް އިން ތަފާތުކުރުން ގެންގުޅޭ ކަމަށް ދޭހަވާ ގޮތަކަށް ސިރާޖު ވިދާޅުވީ ވަކީލު ބައްދަލުވުން ބާއްވަން އެދުމުން ކަރެކްޝަންސް އިން އެއްވެސް ގައިދީއަކަށް ނުގެންގުޅޭ އުސޫލުތައް އަދީބާއި މެދު ގެންގުޅޭ ކަމަށެވެ. އެގޮތުން އޭނާ އެހެން ފަރާތްތައް ތަމްސީލު ކުރާ އިރު ބޭނުން ނުވާ ލިޔުންތަކެއް ކަމަށްވާ މައްސަލަ ރެޖިސްޓްރީ ވި ކަމުގެ ލިޔުމާއި ވަކީލަކު އައްޔަންވި ކަމުގެ ލިޔުމެއް އަދީބާއި ބައްދަލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން ތަފާތުނުކޮށް އަދީބާއި ބައްދަލު ކުރެވޭނެ ގޮތް ހެދުމަށް ކަރެކްޝަންސް އަށް އެންގުމަށް ސިރާޖު އެދިވަޑައިގެންނެވިއެވެ. ހައިކޯޓުގައި އަދި ސިވިލް ކޯޓުގައު ހުރި އަދީބުގެ އެހެން މައްސަލަތަކަށް ތައްޔާރު ވުމަށް ގިނަ ވަގުތު ހޭދަވުމުގެ ސަބަބުންނާއި ވަކީލު ބައްދަލުވުމެއް ބޭއްވިފައި ނުވުމުން މިއަދުގެ މައްސަލައަށް އެއްވެސް ވަރަކަށް ތައްޔާރު ވެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ އިސްމާއިލް ޝަފީއު ވިދާޅުވީ ދައުވާ ލިބޭ ފަރާތައް އެކަށީގެންވާ ވަގުތު ދިނުމުގެ ހައްގު ލިބެން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އިތުރު ވަގުތު ދިނުމަށް އިއުތިރާޒެއް ނެތް ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދެއްކެވިއެވެ.

އަދީބާއި މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ސިރާޖު ދެއްކެވި ވާހަކަތަކާއި ބެހޭގޮތުން ގާޒީ އާދަމް އާރިފް ވިދާޅުވީ އަދީބާއި މެދު ވެސް ކަންތައް ކުރަން ޖެހޭނީ އެހެން ފަރާތްތަކާއި މެދު ކަންތައް ކުރަން ޖެހޭ ގޮތައް ކަމަށެވެ. އެހެން ނަމަވެސް ކަރެކްޝަންސް އިން އެ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އެންގުމަކީ އިދާރީ އެންގުމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ އާދަމް އާރިފް އިތުރަށް ވިދާޅުވީ އަދީބަށް ވަކީލާއި ބައްދަލު ކުރެވޭނެ ގޮތް ހެދުމަށް މޯލްޑިވްސް ޕޮލިސް ސާވިސެސްއަށް ސިޓީއަކުން ދަންނަވާނެ ކަމަށެވެ. އަދި މައްސަލައަށް ތައްޔާރުވުމަށް އިތުރު 10 ދުވަސް ދިނުމަށް ނިންމަވާ ކަމަށާއި އެ 10 ދުވަސް ތެރޭގައި މަދުވެގެން ދެ ބައްދަލުވުން ބޭއްވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދެން މައްސަލަ ކުރިއަށް ގެންދަވާނީ މަދުވެގެން ދެ ބައްދަލުވުން ބޭއްވުމުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކޯޓުގައި ވެސް ވަކީލާއި ބައްދަލު ކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވައިލި މައްސަލަ ސާބިތުވެ ޖަލަށް ލާފައިވާ އަޙްމަދު އަދީބުގެ މައްޗަށް މިހާރުވެސް ޖުމްލަ 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، އަދީބުގެ މައްޗަށް ކުރާ އިތުރު ދައުވާތަކެއްވެސް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވެއެވެ.