އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް އަންހެން މެންބަރުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު ނުވަތަ އަސާސީ ގަވާއިދު އިސްލާހުކޮށް، އެ ޕާޓީގެ ރައީސްގެ މަގާމަށާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.

އަދާލަތު ޕާޓީގެ ދުސްތޫރުގައި އޮންނަ ގޮތުން ޕާޓީގެ ރައީސްއާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވެނީ ފިރިހެނުންނަށެވެ. މި މަހުގެ ފުރަތަމަ ދުވަހު އެ ޕާޓީގެ އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލީ ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ދުސްތޫރު ބަދަލުކޮށްފައެވެ.

އެކަމަކު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިނުލެވޭ ގޮތަށް އޭރު ވެސް އޮތުމުން ޕާޓީގެ ބައެއް އާންމު މެންބަރުންނާއި އާންމު ރައްޔިތުންގެ ފާޑުކިއުންތައް ވެސް އަމާޒުވިއެވެ. އަދާލަތަށް ފިޔަވަޅު އެޅުމުގެ އަޑުތައް ވެސް ގަދަވެފައިވަނިކޮށް ޕާޓީގެ އެ މާއްދާ އިސްލާހު ކުރަން ހުށަހެޅުއްވީ ޕާޓީގެ ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ އިސްލާހު ވަނީ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައެވެ.

އަދާލަތު ޕާޓީ އިއްޔެ ކުރި އިއުލާނެއްގައި ވަނީ، އެ ޕާޓީގެ ދުސްތޫރަށް އިސްލާހު ގެނެސްފައިވާތީ އެ ޕާޓީގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލާން ހުޅުވާލުމަށް ކުރިން ކޮށްފައިވާ އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މިގޮތުން ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ޕާޓީގެ މައި އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށް އެ އިއުލާނުގައިވެއެވެ.

އަދާލަތު ޕާޓީއިން ބުނި ގޮތުގައި، އެ ޕާޓީގެ އެތެރޭގެ އެ އިންތިޚާބުގައި ވޯޓު ލެވޭނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ޕާޓީގެ ރަޖިސްޓްރާއިން ބަލައިގަނެފައިވާ މެންބަރުންނަށެވެ.

އަދާލަތު ޕާޓީގެ ރައީސްއާއި ނައިބު ރައީސް އިންތިހާބު ކުރާ ޕާޓީގެ އެތެރޭގެ އިންތިހާބު މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ ޕާޓީގެ ލީޑާޝިޕްގެ މައްސަލައެއް ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދަނީ ބަލަމުންނެވެ.

އެ މައްސަލައަކީ އިންތިހާބަކާ ނުލައި އެ ޕާޓީގެ ރައީސްގެ މަގާމުގައި އިމްރާން އަދި ނައިބު ރައީސްގެ މަގާމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަލީ ޒާހިރު ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ހުންނެވި މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާލަތު

    އަދި ފޮށާވެސް ބާލަންވާނެ ސިޔާސީ ދުނިޔަވީ މަންފާއަށް... ކޮބާތޯ ތިބާގެ ދީން ދައްކަވާފައިވާ މަގަކީ

  2. ފުއާދު

    މިއީ ކޮންތާކު ތިބި ބައެއް. މިއަދު މިތިބީ ކޮންތާކު. މުޅިން ލިބެރަލްވެ ނިމިއްޖެ.