ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ 704 ފްލެޓް ދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމަށް އުޒުރުވެފައިވާ ފަރާތްތަކުން، ނުދެއްކިވާ ފައިސާ ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދީފިއެވެ.

ހައުސިންގ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީގައި މިގޮތަށް އެދެމުންދާ ފަރާތްތަކަށް، ނުދެއްކި ހުރި ފައިސާއާއި ޖޫރިމަނާ، ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަަމަށެވެ.

އެހެންކަމުން މިކަމަށް އެދޭ ފަރާތްތަކުން ޖަނަވަރީ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އައިޑީ ކާޑު ކޮޕީއާއި ފްލެޓް ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު އެނގޭނެ ގޮތަށް [email protected] އަށް މެއިލްކުރުމަށް ވަނީ އެދިފައެވެ.

"މިހާތަނަށް ޤަވާއިދުން ފައިސާ ދައްކާފައިނުވާ ފަރާތްތަކުގެ ތެރެއިން، މިއިޢުލާނުގެ ދަށުންހަ މަސް ދުވަހުގެ ލުޔަށް އެދި ހުށަނާޅާ ފަރާތްތަކާއި، ހަ މަސް ދުވަހުގެ ލުއި ދެއްވުމަށް އެދި ހުށަހެޅުމަށްފަހު ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު، ފްލެޓް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާނެ"، އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މި 704 ފްލެޓަކީ ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފްލެޓްތަކެވެ. މި ފެލްޓްތަކުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އެމަންޖެ

  ދައުލަތައްނަގާ މޑޕ ބޭފުޅުންނައް ދެއްވާ ތިޔަ 704 ފުލެޓު.

 2. ނޫރީ

  ރަގަޅު އެކަމަކު 12 މަހަށް ހެދިނަމަ ފަސޭހަވާނެ. ރައްޔިތުންތިބީ ވ ހާލުގަ... ރައްޔިތުން ފައިސާ ނުދައްކާތިބީ ފައިސާނެތި ދަތިކަމުން....ވ ހާލުގަ މިތިބީ.. ރައީސްގެ ޚާއްސަ އިނާޔަތުގެ ދަށުން އަހަރަކަށް ބައްސަވާލަ ދެއްވާ....

 3. ޢަލީ

  މިއީކީ ލުއި ގޮތެއްނޫން ލުއިގޮތަކައްވާނީ ފައިސާ
  ނުދެއްކިހުރި މަސްތައް އެގްރިމެންޓްގެ ފަހަތުކޮޅު
  ޅައްއިތުރުކޮއްދިނުން
  އެޕްރީލް2020 ފެށިގެން ޖަނަވަރީ 2021 ގެނިޔަލައްކުލި ޖޫރިމަނާ 77000 ރުފިޔާ
  06 މަސްދުވަހައްބަހާލީމަ މަހަކައް
  12833.33ރުފިޔާ
  ހިނގަމުންދާމަހުގެކުލި 7000 ރުފިޔާ އެއްކުރިމަ
  މަހަކައް 19833.33ރުފިޔާ