ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓި އަމުރުގެ މައްސަލަ ހައިކޯޓުން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭތީ، އެޤަޟިއްޔާ އިލްތިމާސް ކޮށްދެއްވުންއެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިން ކަމަށެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރު ފުށިދިއްގަރުފަޅު ތަރައްގީކުރަން ބަޔަކަށް ދިން އިރު، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލްކުރެއްވުމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދުމުންނެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލްކޮށް ހައިކޯޓުން އިއްޔެ ނެރުނު އަމުރުގައި ވިދާޅުވެފައި ވަނީ މިމައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް ޖިހާދު ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭކަމަށް ބެލޭވޭ އެއްވެސް ސަބަބެއް އެސިޓީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބަޔާންކޮށްފައި ނުވާކަމަށެވެ.

ނަމަވެސް ޖިހާދު ފުރައިގެން ދާންއުޅޭކަމަށް ލިބިފައިވާ ހެއްކަކީ ޖިހާދު ފުރައިގެން ދިއުމުގެ ހުއްދައަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމާއިއެކު ހުށަހަޅާފައިވާ ޓިކެޓު ކަމުގައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ހައިކޯޓުން ވިދާޅުވެއެވެ.

"ކުށެއްގެ ތުހުމަތުގައިވާ މީހަކު ޝަރީޢަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތާއި އެއްގޮތަށް ރާއްޖެއިން ބޭރަށް ފުރަން އެދި ހުށަހަޅާ ޓިކެޓަކީ އޭނާއާއި ދެކޮޅަށް ހެއްކެއްކަމުގައި ބެލެވޭނެ އުޞޫލެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިނުވެއެވެ. އަދި ޖިހާދު ފިލައިގެން ހިނގާދާނެކަމަށް ބެލެވޭ އެއްވެސް ހެއްކެއް ޤަރީނާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިނުވެއެވެ." ޙުކުމުގައި ވިދާޅުވެފައި ވެއެވެ.

މައްސަލައިގެ ތަހުގީގުގެ އެއްވެސް މަރުޙާލާއެއްގައިވެސް އަދި ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށްފަހުވެސް ޖިހާދު ފުރުން މަނާކުރުމުގެ އަމުރަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިފައި ނުވާކަން ވެސް ހައިކޯޓުގެ ޙުކުމުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ހަމައެހެންމެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީގައި ޕާސްޕޯޓު ހިފަހައްޓަންޖެހޭ މުއްދަތެއްވެސް ބަޔާންކޮށްފައި ނުވާކަމަށާއި އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދޭގޮތަށް އެ މާއްދާ ތަރުޖަމާކޮށް ބެލި ނަމަވެސް އެ މާއްދާގައިވާ އިޖުރާއަތު ފުރިހަމަކޮށްފައި ނުވާކަން އެނގޭކަން ހައިކޯޓުގެ ޙުކުމުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހަށްދޭބަލަ

    ޖިހާދުގެ ޕާސްޕޯޓު ނުހިފެހެއްޓޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފުކޮށްފި ނަމަ މިއިން އެގިގެންދަނީ ތަމެން ކުރީ ސަރުކާރޭ ކިޔައިގެން ދައްކާ ވާހަކަ ތަކަކީ އެއީ ރޯ ބުހުތާނު ދޮގު ކަން ތަމެންގެ ސަރުކާރު އެންމެ ބޮޑަށް ވައްކަން ކުރަނީ ވެސް ދައުލަތުގެ ޚަޒާނާއިން ތަމެންގެ ވެރިކަމަށް ތިން އަހަރު ވެގެންދާއިރު ވެސް ތަމެންނަށް ކުރެވުނު ކަމެއް ކުރެވޭ ކަމެއް ނެތޭ ތަމެން ތިޔާ ކަން ހުއްޓާލާ ކޮމިއުނިކޭޝަން ކަޓް ޖައްސަން އަނެއްކާ އުޅޭށޭ މަމެން ބުނަން ނެތީމޭ....

    16
    1
  2. އަޖާއިބުން އަޖާއިބު

    އެތައް މިލިޔަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލަ އިސްތިއުނާފު ނުކުރެވޭ. މީހަކު ދައުލަތުގެ ތަނެއްގައި ދެތިންރޭ ނިދާލިއޭ ކިޔައިގެން މިޖަހަނީ ކޮންސަކަރާތެއް. އެމީހާ އެތަނުގައި ނިދިއޭ ކިޔާފަ އެތަނަކަށް ލިބުނު ގެއްލުމެއް އޮތީއެއް ނޫން. އެކަމަކު އެމީހާ ކަރުގައި ވާގަނޑެއްގައި އެއްކޯޓުން އަނެއް ކޯޓަށް ދަމަނީ ކޯއްޗެއް މަދުވެގެންތަ!