ކަނޑުމަގުން ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައި ދައުލަތުން ހަ މީހެއްގެ މައްޗަށް ދައުވާކޮށްފައި ވެއެވެ.

މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދާފައިވާކަން ފުލުހުން ކަށަވަރު ކޮށްދެވެ. ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ކަމަށް ފުލުުން ވިދާޅުވިއެވެ.

އެގޮތުން ޝަހީބްގެ މައްޗަށް އުފުލީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި މޫސާގެ މައްޗަށްވެސް ކުރަނީ މި ތިން ދައުވާ އެކެވެ.

އޭގެ އިތުރުން އެ ދޯނިން ހައްޔަރުކުރި ބަންގްލަދޭޝްގެ ދެ މީހުންގެ މައްޗަށް ވެސް ދައުވާކުރަން ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ގއ. ވިލނގިލީ ދުންފިނިގޭ އަސީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ހުސައިންގެ މައްޗަށް ކުރަނީ ހަތަރު ދައުވާ އެކެވެ. އަދި ކުޑަކުދިންތަކެއްގެ މައްޗަށް ވެސް ދައުވާކުރަން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު