ކ. ހިންމަފުއްޓާއި ގިލިލަންކަންފުށި ދޭތެރޭގައި އޮންނަ ފިނޮޅު ނައްތާލަން އުޅުނު މައްސަލަ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް އުފައްދާފައިވާ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިކޯކެއާ ހިމެނޭ ގޮތަށް 11 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ އަގު ނުކުރެވޭ ފަދަ ގުދުރަތީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ދީ، ތިމާވެށީގެ ބޮޑެތި ޖަރީމާތައް ހިންގަމުން ދާއިރު އެކަމަށް ދޭން ޖެހޭ އަހައްމިއްޔަތު، ދައުލަތުގެ އިދާރާތަކުން ނުދޭ ކަމަށެވެ.

ގިލިލަންކަންފުށި ރިސޯޓްގެ އިސްވެރިންނާއި މުވައްޒަފުން ހިންމަފުށީ ކައިރީގައިވާ ފިނޮޅެއް ހަލާކު ކޮށްލުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކޮށް، މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ދައްކައިދެނީ ނުހަނު ހިތާމަވެރި އަދި ނުހަނު ކަންބޮޑުވާ މަންޒަރުތަކެއް ކަމަށް ބަޔާނުގައިވެއެވެ. ތިމާވެށީގެ އެފަދަ ކުށްްތަކުގެ ސަބަބުން ރައްޔިތުންގެ ހިތްހަމަޖެހުމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މުުހިއްމު ވަސީލަތްތަކެއް ނެތިގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.

ރާއްޖެއަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުގެ އެންމެ ބޮޑު ޝިކާރައަކަށްވެ، އެކަމުގެ ސަބަބުން އިޔާދަނުކުރެވިދާނޭ ފަދަ ބޮޑެތި އަސަރުތައް ތަހައްމަލު ކުރަންމުންދާ އަދި ކުރަންޖެހޭ ފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމަކަށް ވާއިރު، ގައުމުގެ އެންމެ ބޮޑު ރައުސްމާލަކީ ގައުމުގެ ގުދުރަތީ ވަސީލަތްތައް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެގޮތުން ފަރުތަކާއި އެތަނުގައިވާ ދިރުންތަކަކީ، ރަށްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ގައުމުގެ އިގްތިސާދީ މައިނާރުތައް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވާ ވަސީލަތްތައް ކަމަށާއި އަގުނުކުރެވޭފަދަ ގުދުރަތީ ވަސީލަތްތަކަށް އެކިއެކި ގޮތްގޮތުން ގެއްލުން ދީ ތިމާވެށީގެ ބޮޑެތި ކުށްތަކާއި ޖަރީމާތައް (އެންވަޔަރަންމަންޓަލް ކްރައިމްސް) ހިންގަމުންދާއިރު އެކަމަށް ދައުލަތުން ދޭންޖެހޭ އަހައްމިއްޔަތުކަންނުދީ އަދި އެކަންކަން ކުށްވެރިކޮށް އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ނުދާތީ ކަންބޮޑުވާ ކަމަށް ބަޔާނުގައިވެއެވެ.

ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އާންމު ރައްޔިތުންގެ ހިތްހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަން ހޯދާ ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ ގުދުރަތީ ވަސީލަތްތައް ކަމަށްވާ ރަށްތަކާއި، ފިނޮޅުތައް އަދި ފަޅުތައް ނުއަގުގައި ވިޔަފާރިތަކަށް ވިއްކާލުމުން ދިވެހި ރައްޔިތުންނާއި ދިވެހި ކުދި ވިޔަފާރިތަކަށް ދުވަހެއް ދުވަހަކަށް އެ ވަސީލަތްތަކުގެ މަންފާހޯދުމުގެ ފުރުސަތުން މަހުރޫމްވަމުން އަންނަ ކަމަށެވެ.

މިފަދަ މާހައުލެއްގައި ހުރިހާ ރައްޔިތުންނަށް އެތަނަކުން މަންފާ ލިބޭ މަދު ރަށްތަކާއި ފަރުފަޅާއި ފިނޮޅުތައް ރައްކާތެރިކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހައްގެއްކަމަށް ބަޔާނުގައިވެއެވެ.

އެ ބަޔާން ނެރުނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިކޯކެއާގެ އިތުރުން ދަ މޯލްޑިވްސް ރެޒިލިއެންޓް ރީފްސް ޕްރޮޖެކްޓް، ސޭވް ހުވަދޫ، ސޭވް މޯލްޑިވްސް، ލޭންޑް ސީ މޯލްޑިވްސް، ބިލީފް، ހުވަދޫ އެއިޑް އަދި މަލަފެހިމީދޫ ބައިވެރިވެގެންނެވެ.

ހިންމަފުއްޓާއި ގިލިލަންކަންފުށި ރިސޯޓު ކައިރީގައި އޮންނަ ފިނޮޅަކަށް ގެއްލުން ދިން މައްސަލަ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެ ފިނޮޅުގެ ކޯރު ކަނޑައި، އެ ތަނަށް ގެއްލުން ދޭން މަސައްކަތްކުރި ކަމަށް ބެލެވެނީ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެކެވެ.