ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބޮޑު ބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 59 އިންސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އަދި ބޭރު ތޮށިލުމުގެ މަސައްކަތް ފުރިހަމަކޮށް، ބަނދަރުގެ ޕޭވްމެންޓް ހެދުމުގެ 69 އިންސައްތަ ނިންމާލާފައިވާ ކަމަށެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.