ތިން ބާރު ވަކިކުރެވިފައިވާ ދައުލަތެއް ގޮތުގައި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވީ ނަމަވެސް ދައުލަތް މިހާރު ހިންގަމުން ގެންދަނީ "އެއް ކާމޭޒެއްގެ" މަތިން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީއިން އިއްޔެއާއި ރޭ މާލޭގައި ކުރި މުޒާހަރާގައި ބައިވެރިވަޑައިގެން ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީއިން ވަކި ކުރެވިފައިވާ ތިން ބާރުގެ ތެރެއިން ނިންމަން ޖެހޭ ހުރިހާ ނިންމުމެއް ވެސް މިނިވަންކަމާ އެކު ނުނިންމޭ ކަމަށެވެ. އަދި އެ ނިންމުންތައް ނިމިގެން ދަނީ "އެއް ކާމޭޒެއްގެ" މަތީގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގެ ބާރުތައް "މަސްހުނި" ވެ އެއިން ކޮންމެ ބާރެއްގެ ނިންމުންތައް ނިންމަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށެވެ. އެއީ ޖޭއެސްސީގެ މެންޑޭޓަށް ވެސް ނުވާއިރު، ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމުގެ ވައުދު ނުފުއްދާ ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"ކާމޭޒު މަތި" ގޮތުގައި ޝިޔާމް ސިފަ ކުރައްވާފައި ވަނީ ވެސް ޖޭއެސްސީއަށެވެ.

ޖޭއެސްސީގައި މިހާރު އޮތީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެޖޯރިޓީއެވެ. އެ ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިންނަވައެވެ. ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިނަކީ ކޮމިޝަންގެ ރައީސްއެވެ. ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އިންނަވައެވެ.

"ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެކޭ ބުނާއިރުގައި، އަޅުގަނޑުމެންނަށް މި ފެންނަނީ މުޅި ދައުލަތް އެއް ކާމޭޒެއްގެ މަތިން ހިންގާތަން." ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާޢީދުކޮށް އެމަނިކުފާނު މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުން ދިޔަ މަސައްކަތަށް ލިބުނު އިތުރު ނާކާމިޔާބީއާއެކު, އެ ކޯލިޝަނުން ވަނީ މަގުމަތީ ހަރަކާތްތަކަށް ނުކުމެފައެވެ. އެ ގޮތުން އިއްޔެއާއި ރޭ މާލެ މަގުމަތީގައި އެ ކޯލިޝަނުން އިހްތިޖާޖް ކޮށްފައި ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހު މިއަދު އިއުލާނު ކުރުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެފައެވެ. އަދި އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އެކުލަވާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައެޅުން އެޖެންޑާކޮށްފައިވެއެވެ.

މިހާރު ކައުންސިލް އިންތިހާބުގެ ވަގުތީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހެއް ވެސް ގެނެސްފައެވެ. އެއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އީސީއަށް އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހެކެވެ. އީސީއިން އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އެ ކޮމިޝަނުން މަސައްކަތް ކުރަނީ އޭޕްރީލް މަހު އިންތިހާބު ބޭއްވުމަށެވެ. އެކަމަކު ޖޫން މަހު އިންތިހާބު ބޭއްވުމަށް ވެސް ޕާޓީތަކާއެކު އެ ކޮމިޝަނުން މަޝްވަރާކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ކޮލި

  ޝިޔާމެންކަހަލަ މީހުން ތިކަހަލަ ވާހަކަ ދައްކަން ލަދުގަންޖެހޭނެ ؟

  3
  9
 2. މަންމާފުޅު އަދުރޭ

  ނިމިދިޔަ އަނިޔާވެރި 5އަހަރު ތިންބާރު ހިންގީ ފާހާނަ ތަށިމަތީގަތޯ ނޫނީ ތިޖޫރިމަތީގަތޯ؟ ނިމިދިޔަ އަނިޔާވެރި 5އަހަރު ތިބެފުޅާގެ ލޮލާ ހިތްސުތަކަށް ކިހިނެއްވެފަތޯހުރީ؟ ރައްޔިތުންގެ ބައިތުލްމާލް ފެންފޮދަކާނުލާ ވެރިމީހާ ދިރުވާލާ އަމިއްލަގެ ލޮލުކޮޅައް ނުފެންނަވަރައް އުސްކުރަމުންދާއިރު ތިބޭފުޅާއަށް ހަމަނުފެންނަނީތޯ، އެވެރިމީހާއަކީ ފުރަތަމަ މުސާރައިގެ %50 ނަގާނަމޭކިޔާފަ ފަހުން ދަރިފުޅުގެ ފުލެޓައް ލާރިދައްކަންވެގެންނޭކިޔާފަ ފުލްމުސާރަނަގަންފެށި ވެރިއެއް، ިވަރުގެ މީހަކު ކޮންތާކުންހޯދި ފައިސާއަކުންތޯ އަމިއްލަގެ އުސްކުރަމުންއެދަނީ ތިބޭފުޅާ މިވާހަކަނުދައްކަނީކީއްވެތޯ؟ ކުރިންލިބުނު ކަޓްތަކާ ނާޖާއިޒް ފައިދާތައް މިހާރުނުލިބޭތީ އަނގަކަހަނީދެއްތޯ؟

  5
  7