މ. ކޮޅުފުށިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއެކު މިހާރު އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ.

އެރަށުން މީގެ ކުރިން ވަނީ 10 މީހުން ފައްސިވެފައެވެ.

މ އަތޮޅު ކައުންސިލް ނައިބް ރައީސް އަހުމަދު ހަސަން ވިދާޅުވީ، އެރަށުން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އަދި ފައްސިވި މީހުންގެ ތެރޭގައި އެރަށުން މާލެއަށް ދަތުރު ކުރާ ހަނދުވަރު ދޯނި ކެޕްޓަން އާއި އެ ދޯނިން އައި ބަޔަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުގައި ކޮވިޑް-19ގެ ވޭދަނަތައް ފެންނަން ފަށާފައި ވަނީ އެރަށުން މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ އަންހެން މީހާ މާލެ ގޮސްފައި ވަނީ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އޭނާ ފައްސިކަން އެނގުމާއެކު އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

އެރަށުގައި ހުރެފައި މާލެ ގޮސް ހުއްޓާ ފައްސިވި އެ އަންހެން މީހާއަކީ އެރަށަށް މާލެ އިން ދިޔަ މީހެކެވެ. އޭނާ އެރަށަށް ގޮސް ކަރަންޓީންވުމަށްފަހު ދޫކޮށްލުމުން ރަށުގައި ނުވަ ވަރަކަށް ދުވަސް ވަންދެން ހުއްޓެވެ.

އޭނާ ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން އޭގެ ދެ ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު