ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބާއްވާ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ޅ. ނައިފަރުގައި މުޒާހަރާކޮށްފިއެވެ.

ނައިފަރުގައި ކުރި މި މުޒާހަރާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވަނީ ގޮވާލައިފައެވެ. އަދި ރައީސް އިބްރާހިމް ސޯލިހްގެ ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނައިފަރު ޕީޕީއެމްގެ ސްޓިއަރިންގް ކޮމިޓީގެ މެމްބަރަކު "ވަގުތަށް" ވިދާޅުވީ 150 އަށް ވުރެ ގިނަ ސަޕޯޓަރުން މުޒާހަރާގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި މުޒާހަރާކޮށްފައި ވަނީ ރިޔާސީ ބަޔާނުގައި "ކޮސް" ވާހަކަތެއް ހުރުމުން ކަމަށާއި، އެމަނިކުފާނު ވެފައިވާ ވައުދުތައް ނުފުއްދި، ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ސަރުކާރުގެ ތެރެއިން ފެންމަތިވަމުން އަންނާތީ ކަމަށް ވިދާޅުވިއެވެ.

މި އިހްތިޖާޖާއި ގުޅޭ ގޮތުން އެރަށުގެ ރައްޔިތުން ތަމްސީލުކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރު، އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ އެއްވުމުގެ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވަވަމުން ދިޔަ ވަގުތު ނައިފަރު ރައްޔިތުން މުޒާހަރާކުރީ އެމަނިކުފާނު ފުއްދަވާނެ ކަމަށް ވައުދުވެ ވަޑައިގަތް އެއްވެސް ކަމެއް ފުއްދާފައި ނުވުމުން ކަމަށެވެ.

"ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވާ ވަގުތު ނައިފަރުގެ ލޮބުވެތި ގިނަ ރައްޔިތުން ދަނީ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހހް އިސްވެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެއްވެސް ކަމެއް ނުފުއްދިވާތީ އަދި ރައީސް ޔާމީން އަށް އަނިޔާވެރިވަމުން ދާތީ އެކަމާއި ދެކޮޅަށް އިހުތިޖާޖްކުރަމުން" ނައިފަރުގައި މުޒާހަރާކުރަމުންދާ ކަން އިއުލާނު ކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް ވަނީ މަޖިލިސް އިދާރާ ސަރަހައްދުގައިވެސް އިހުތިޖާޖު ކޮށްފައެވެ. އެ އެއްވުމުގައި 200 އެއްހާ ސަޕޯޓަރުން ބައިވެރިވެފައިވާއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި، ދެޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެފްރީ

    އެއްގޮތަ ކަށްވެސް އާ ކަމެއްނޫން. ކޮންމެސަރު ކާރެއްއޮތަސް
    އިދި ކޮޅުން ކުރާ ކަމެއްތީ އަދި ކުރާނެވެސްމެ! ސިޔާސި ކުޅިއަ ކީ ރާޒުވާ ކަހަލައެއްޗެއް.. އަބަދުވެސްބަލާނީ ބޮނދުބުޑަށް ސައި ކިޔޭތޯ
    ކޮވިޑަށްވެސްބަލައިގެން ތި ކަން ކުރުމަށްގޮވާލަން!

  2. ޖަނާޒާ

    ޔާމީނަށް ވޯޓުނުދިން އެންމެން ކަރުހިއްކާތީ، ދެން ފެންބޮއި. ގިނައިން ބޯތި.

  3. މެކުނު

    މުޒާހަރާކޮއްގެން ކޯޗެއްލިބުނީ