ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން މިއަދު 1،626 މީހަކަށް ދީފިއެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ.

މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީގެން ރާއްޖޭގައި ޖަހަން ފަށާފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިއަދު ވެކްސިން ދިން 1،626 މީހުންގެ ތެރެއިން 1،477 މީހަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުން ކަމަށެވެ. އަދި ބާކީ 149 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ދީފައިވާ މީހުން ކަމަށެވެ.

މިވަގުތު މި ވެކްސިން ދިން މީހުންގެ ތެރެއިން ޖުމްލަ އަދަދު އުޅެނީ 3،204 ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ މާލެ ސަރަހައްދުން 2،786 އަދި އަތޮޅު ތެރެއިން 418 މީހެކެވެ.

ރާއްޖޭގައި މިވަގުތު ކޮވިޝީލްޑް ވެކްސިން ބޭނުން ކުރަމުން އަންނައިރު، މިވަގުތު ރާއްޖެއަށް ޗައިނާ އިން އުފެއްދާފައިވާ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ވެސް ވަނީ ލިބިފައެވެ. އެހެން ނަމަވެސް މި ވެކްސިން ދޭން އަދި ހުއްދަ ދީފައެއް ނުވެއެވެ.

ވެކްސިން ދޭން ސަރުކާރުން ނިންމާފައިވާ ތަރުތީބަށް ބަލާއިރު، އެންމެ ފުރަތަމަ ދޭން ނިންމާފައިވަނީ ސިއްހީ ދާއިރާގައި އުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ. އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންނަށް ކޮވިޑް ވެކްސިން ނުޖަހާނެއެވެ.

މިވަގުތު ސިއްހީ ހިދުމަތްތެރިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި، ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނާއި، ޓީޗަރުންނާއި ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދޭން ވަނީ ފަށާފައެވެ.