ބޯހިޔާވަހިކަމަށް ސަރުކާރުން ހުޅުވާލި 7000 ފްލެޓަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނަން ފަށައިފިއެވެ.

ފޯމްތައް ބަލައިގަތުން ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތައް 17 ކެޓަގަރީ އަކަށް ބަހާލައި، ކުރިމަތިލާން ހުޅުވާލުމުން މިހާތަނަށް ބައިލައްކަ އާއި ގާތް ކުރާ އަދަދަކަށް ވަނީ ފޯމް ނަގާފައެވެ. ފޯމްތައް ބަލައި ގަތުން މިއަދުން ފެށިގެން ޖުލައި 31 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ފޯމްތައް ހުށަހެޅުން ކުރިއަށް ދަނީ ކިއުބީ ނަމަކަށް ކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށް ނަމްބަރު ދޫކޮށްގެންނެވެ. ސްމާޓް ފޯނުތަކަށް، ކިއުބީ އެޕްލިކޭޝަން ޑައުންލޯޑް ކުރޭވޭނެ އެވެ. ކިއުބީން އަމިއްލަ އަށް ވެސް ނަމްބަރު ނެގޭނެއެވެ. އަދި ދަރުބާރުގެ އިން ވެސް ނަމްބަރު ދޫކުރާނެ އެވެ.

ރޯދަ މަހު، ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 10:30 އިން މެންދުރު 1:30 އަށް، އަދި ރޭގަނޑު 9:00 އިން ރޭގަނޑު 11:00 އަަށް ދަރުބާރުގެ އިންނެވެ.

ޖުލައި 31 އާ ހަމައަށް ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވާއިރު، އެ ދުވަހުގެ ނިޔަލަށް ފޯމު ދޫކުރާނެ އެވެ.

ހައުސިން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފޯމު ނަގަނީ އުމުރުން 18-40 ދެމެދަށް ޚާއްސަ ކުރި ކެޓަގަރީންނެވެ.